ޚަބަރު

ސްކޫލް ކައުންސެލަރުންނަށް އެހީވުމަށް ޝީ އިން ނިންމައިފި


ސްކޫލްތަކުގައި މަސައްކަތްކުރާ ކައުންސެލަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އާއި އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެދަށުން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ ކައުންސެލަރުން ޝީގެ ފަރާތުން ދެ އަހަރު ދުވަހުގެ މުއްދަތަށް ސުޕަވައިޒްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފަވެއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ)ގެ ޗެއަރޕާސަން އާސިމް މުޙައްމަދުއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ، ދަރިވަރުންނަށް ބޭނުންވާ އިޖުތިމާޢި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޝީ އަކީ މިހާރުވެސް އެޑިއުކޭޝަން މިނިސްޓްރީއާއެކު ގިނަ މަސައްކަތްތަކެއް ކުރައްވާ ފަރާތެއްކަމަށެވެ.

"މިހާރު އަޅުގަނޑުމެން އަތޮޅުތެރެއާއި އެއްކޮށް ކައުންސެލާސް މެދުވެރިކޮށް 800 އެއްހާ ކުދިންނަށް އެހީތެރިވަމުން އެބަގެންދަން. ޝީ އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ފުރަތަމަ ކައުންސެލިންގ ސާރވިސް އުފެއްދެވި އެއް ތަން. އަދި ހަމައެއާއެކު މިދާއިރާއިން އެންމެ މަޤްބޫލް އެއް ތަން ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވިއެވެ.



މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ)ގެ ޗެއަރޕާސަން އާސިމް މުޙައްމަދު ވިދާޅުވީ، ސްކޫލުތަކުން ބޭނުންވާ މިފަދަ އެހީތެރިކަމަކީ އެފާތުން މީގެކުރިންވެސް ކުރަމުންއައިކަމެއްކަމަށާއި އެހެންނަމެވެސް ރަސްމީ ސިފައެއްގައި މިކަން ފެށިގެން ދިއުމުން މީގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބިގެންދާނެކަމަށެވެ.

"ތަންކޮޅެއް ފޯމަލްގޮތެއްގައި ދެފަރާތުގެ އަންޑަސްޓޭންޑިންއާއި އެއްކޮށް މުޅި އެޑިއުކޭޝަން ސެކްޓަރއަށް ހުޅުވާލައިގެން އަޅުގަނޑުމެން މުޖުތަމައުއަށް ކޮށްދޭ ކަމެއްގެ ގޮތުން މުޅިން ހިލޭ ފޯރުކޮށްދޭ ހިދުމަތެއްގެ ގޮތުގައި މިކަން ފެށިގެން މިދަނީ. އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް އަޅުގަނޑުމެން ދެމިތިބޭނަން." ޝީގެ ޗެއަރޕާސަން އާސިމް މުޙައްމަދު ވިދާޅުވިއެވެ.



ޝީ އާއެކު ވެނުނު އެއްބަސްވުމާ އެކު، ސްކޫލް ކައުންސެލަރުންނަށް ބޭނުންވާ ފަންނީ ލަފައާ އިރުޝާދުގެ އިތުރުން މަސައްކަތްކުރާނެ ހަރުދަނާގޮތްތައް ރާވާ ތަންފީޒުކުރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ސްކޫލްގައި ތަޢުލީމް ހާޞިލްކުރާ ކޮންމެ ދަރިވަރަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ އަދި ދިރިއުޅުމުގައި ކާމިޔާބު ކުދިބަޔަކަށް ހެދުމަށްޓަކައި ކުދިންނަށްބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސްކޫލް ކައުންސެލަރުންނަކީ މުހިއްމު ދައުރެއްއަދާކުރާ ބައެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި މިވަގުތު 53 ސްކޫލް ކައުންސެލަރުން ހަރަކާތްތެރިވަމުންދެއެވެ. މީގެ ތެރެއިން 40 ކައުންސެލަރުން މަސައްކަތް ކުރަނީ އަތޮޅުތަކުގެ ސްކޫލުތަކުގައެވެ.