ޚަބަރު

އެއަރޕޯޓްގައި ވީއައިޕީއަށް ޚާއްޞަ 4 ބުރީގެ އިމާރާތެއް ހަދަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މިމަސައްކަތުގެ ކޮންޓްރެކްޓަރ ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެތަން ތަރައްޤީކުރުމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށެވެ.

ވީއައިޕީ ލައުންޖު ތަރައްޤީކުރުމުގެ ފުރަތަމަ ފޭސް މިއަހަރުގެ ތެރޭގައި ނިންމުމަށް އަމާޒުކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ މިތަނުގެ ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

"ވީއައިޕީވެސް ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދަންޖެހޭ ސަބަބަކީ މިހާރު އަޅުގަނޑުމެން ޚިދުމަތްދޭތަން އެބަ ކޮންޓިނިއުކުރަންޖެހޭ އެހެންވީމަ އެތަން ބައިންދާފަ، އެއާ އިންވެގެން އަޅުގަނޑުމެން އާ ވީއައިޕީ މި ހަދަނީ ދެން، އެތަން ނިމުނީމަ އަޅުގަނޑުމެން މިހާރު ހުރި ވީއައިޕީ ޑިމޮލިޝްކޮށްފަ ދެވަނަ ފޭސް ކުރިއަށްގެންދާނަން" އާދިލް ވިދާޅުވިއެވެ.

ވީއައިޕީ ލައުންޖު ތަރައްޤީކުރުމަށް ތޭރަ މިލިއަނެއްހާ ޑޮލަރު ޚަރަދުވާނެކަމަށް ބެލެވޭއިރު، އެތަނުން ފެންވަރު ރަގަޅު ޙިދުމަތްތަކެއް ލިބޭނެ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

" މިހާރު ވީއައިޕީގައި އެއްވެސް ކަހަލަ ޕްރައިވެސީއެއް ނުލިބޭ، އެހެން ނަމަވެސް އަލަށް ހަދާ ވީއައިޕީގައި ވަކިވަކި ރޫމް ހުންނާނެ، ރޫމް ބުކް ކުރުމުގެ ފުރުޞަތު އޮންނާނެ، އަދި އަލަށް އިމާރަތްކުރާ ވީއައިޕީއަކީ ހަތަރު ބުރީގެ އިމާރާތެއް، މިތަން ޖާގައިގެ ގޮތުން ވަރަށް ފުރިހަމަ ވާނެ" އާދިލް މޫސާ ވިދާޅުވިއެވެ.

މުއްސަދި ފަތުރުވެރިންނާއި، ސެލިބްރިޓީޒްގެ މެދުގައި ރާއްޖެ މަޤްބޫލް މަންޒިލަކަށް ވެފައިވާ އިރު، ވީއައިޕީއަކީ އެފަރާތްތަކަށް އެންމެ ޒަމާނީ އަދި ފެންވަރު ރަގަޅު ޙިދުމަތްތަކެއް ދެވޭ ތަނަކަށް ހެދުމަށް އެމްއޭސީއެލުން ދަނީ މަސައްކަތް ކުރަމުންނެވެ.