ޚަބަރު

"ވަކިން ލޯބިން" ފުރަތަމަ ދައްކާލުންވެސް ވަރަށް ލޯބި


ޑާރކްރެއިން އެންޓަރޓައިންމަންޓްގެ މި އަހަރުގެ ފުރަތަމަ ފިލްމް " ވަކިން ލޯބިން" ޓްރެއިލަރ ރިލީޒްކޮށްފިއެވެ.

އަންނަ މާރޗްމަހުގެ ފަސްވަނަދުވަހު ރިލީޒްކުރާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޑާރކްރެއިންގެ ފިލްމުތަކުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާއެވެ. މި ދެ ތަރިންގެ އިތުރުން ހަދީޖާ އިބްރާހިމް، ނުޒުހަތު ޝުއައިބު، އާދަމް ރިޒްވީ، އަހުމަދު ސުނީގެ އިތުރުން ޕީއެސްއެމުން ކުރިއަށްގެންދިޔަ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ވިދާލި އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެކަމަށް ޑާރކްރެއިނުން ބުނެއެވެ. 

އަށްވަނަ ދިވެހި ފިލްމް އެވޯޑްގައި އެންމެ މޮޅު ޑައިރެކްޓަރގެ އެވޯޑް އުފުލާލި އަލީ ޝިފާޢު ޑައިރެކްޓް ކުރާ މި ފިލްމްގެ ޓްރެއިލަރ އިން ފެންނަނީ ލޯބިން ކައިވެނިކޮށްގެން އުޅުނު ދެ މީހެއްގެ ކައިވެނި ރޫޅުމުން ދަރިފުޅަށް ކުރާ އަސަރެވެ. މި ފިލްމް ބިނާކޮށްފައިވަނީ އާއިލާއެއްގެ ތެރޭގައި ދިމާވާ ހާދިސާތަކުގެ މައްޗަށްކަމަށް ޑާކްރެއިނުން ބުނެއެވެ. އަދި މި ފިލްމް ކޮންމެ މީހެއްގެ ދިރިއުޅުމާވެސް ކޮންމެވެސް ގޮތަކަށް ގުޅޭނެ ޑާރކް ރެއިނުން ބުނެއެވެ. 



މި ފިލްމްގެ ޓިކެޓް އަންނަ މަހުގެ ފަހަކުން ފެށިގެން އޮލިމްޕަހުން ލިބެން ހުންނާނެއެވެ. އަދި ވާށޭމަށާއެކީގެ ފޭސްބުކް ޕޭޖުން އޮންލައިންކޮށް ޓިކެޓް ބުކްކުރެވޭނެކަމަށްވެސް ޑާކްރެއިނުން ބުނެއެވެ.

މި ފިލްމުގެ ޓުރެއިލަރ އާއްމުކޮށް ފައިވާއިރު ފިލްމުގައި ހިމެނޭ "ޕަރީ" މިލަވަައަށްވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިިބިފައެވެ. މިމަހުގެ ނަވާރަވަނަދުވަހު ޔޫޓިއުބްގައި ރިލީޒްކުރި މި ލަވަ މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. ޕަރީ ލަވަ ކިޔާފައިވަނީ ޒުވާނުންގެ މެދުގައި މަޤްބޫލުކަމެއް ހޯދާފައިވާ އިކުއޭޓިކް ވައިބްގެ ލީޑް ވޯކަލިސްޓް ޝަމްއޫން މުހައްމަދެވެ.

ފިލްމުގައި އަމިއްލަ ރާގުގެ ލަވަތައް ހިމެނޭއިރު މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ރަނަރަޕް ހަމޫދުގެ އަޑުން ކިޔާފައިވާ ހިތުގަ ނަށާ ރާނީ ގެ އިތުރުން ސްކޯޒް އޮފް ފްލެއާގެލޯބިން އަދި ރަންކޮކާލާ ވެސް މި ފިލްމުގެ ލަވައިގެ ގޮތުގައި ހިމެނިގެންދާނެކަމަށް ޑާރކްރެއިނުން ބުނެއެވެ.