ޚަބަރު

ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރަނީ


އެއްދަތުރެއްގައި ދެ ފަސިންޖަރުން އެރުވުން މަނާކުރުމުން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ލިބެމުންދާ ޝަކުވާތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް  ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ. އެ އޮތޯރިޓީން ޤަވައިދަށް ގެނައި އިސްލާހާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ކަމާއި ގުޅޭ އިދާރާތަކަށް ޕެޓިޝަނެެއް ހުށަހަޅާފައިވާކަމަށެވެ. 

އާއްމުންގެ ފަރާތުން ލިބެންދިޔަ ޝަކުވާތަކާއި ގުޅިގެން ޓްރާންސްޕޯޓް  އޮތޯރިޓީން ވަނީ ޓެކްސީ ޤަަވައިދު އިސްލާހުކޮށްފައެވެ. ޤަވައިދަށް ގެނައި ބަދަލާއި އެކު ކާރުގައި ފަސިންޖަރަކު އިންދާ އެހެން ދަތުރެއް ނަގާ އެކާރަށް އެހެން ފަސިންޖަރަކު އެރުންވަނީ މަނާކޮށްފައެވެ. މި ބަދަލާއި އެކު ޓެކްސީ ޑްރައިވަރުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށައަހަޅަމުން އަންނަކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ. އަދި ކަމާއި ގުޅޭ ދާއިރާތަކަށް ޑްރައިވަރުން ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. ޑްރައިވަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވަނީ މަގުތަކުގައި ކާރު ބާރު ބޮޑުވެ މަގުތައް ތޮއްޖެހި ދަތުރުތައް ލަސްވުމެވެ. އަދި ބައެއް ދަތުރުތަކުގައި ވިއްސަކަށް މިނެޓް ހޭދަކުރަންޖެހުމުން ފަސިންޖަރުންގެ ނުރުހުންވުމާއި ދަތުރުތައް ލިބުން މަދުވުން ޑްރައިވަރުން ފާހަގަކުރެއެވެ. 

ޓްރާންސްޕޯޓް އޮތޯރިޓީގެ ކޯޑިނޭޓަރ ހުސެއިން ޒަމީލު ވިދާޅުވީ އެ ދަތުރެއްގައި ދެ ފަސިންޖަރުން އެރުވުން މަނާކުރީ އެކަމާއި ގުޅިގެން ބައެއް ޖިނާއީ މައްސަލަތައް ހުށަހެޅިފައިވާތީކަމަށެވެ. އެގޮތުން ޓެކްސީގައި ފަސިންޖަރަކު އިންދާ ދެން އެރި ފަސިންޖަރަކު ތޫނު އެއްޗަކުން ބިރު ދައްކާ ފެރުން ފަދަ ބައެއް ކަންކަން ހިނގާފައިވާކަމަށްވެސް ޒަމީލު ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިފަިއވާކަން ފާހަގަކުރައްވަމުން ހުސެއިން ޒަމީލު ވިދާޅުވީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން ކަމާއި ގުޅޭ ދާއިރާތަކާއި އެކު މަޝްވަރާކުރަމުންދާކަމަށް ޒަމީލު ވިދާޅުވިއެވެ. 

ޓެކްސީގައި މީހަކު އިންދާ އިތުރު މީހަކު އަރުވައިގެން ދަތުރުކުރުން މަނާކޮށް ޓެކްސީ ޤަވާއިދު އިސްލާހުކޮށް އެ އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ ސޯޅަވަނަ ދުވަހުން ފެށިގެންނެވެ. ޓެކްސީ ދަތުރެއްގައި މީހަކު އިންދާ އެމީހާގެ ހުއްދައެއްނެތި މީހުން އަރުވަމުންދާތީ އާއްމުންގެ ގިނަ ޝަކުވާތަކާއިވެސް ޓްރާންސްޕޯޓް އޮތޯރިޓީ ވަނީ ކުރިމަތިލާންޖެހިފައެވެ.