ޚަބަރު

މިލަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުވައިފި


ށ މިލަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

ށ އަތޮޅުގެ ބައެއް ރައްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިމްރާހީމް ށ މިލަންދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށާއި، މިނިސްޓްރީގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ށ މިލަންދޫ ސިއްޙީ މަރުކަޒުގައި ހުޅުވި އާ އިމާރަތަކީ ސިއްޙީމަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓުން ހަރަދުކުރައްވައިގެން އިތުރު ކުރެވުނު އިމާރާތެކެވެ. މި އިމާރާތުގައި 15 އެނދާއި އޮބްސަވޭޝަން ރޫމަކާއި، ޓީ ރޫމެއްގެ އިތުރުން ނަރުހުންގެ ޖަގަހައެއް ހިމެނެއެވެ.

މިލަންދޫ ސިއްޙީ މަރުކަޒަށް 16 އަހަރު ފުރުން ފާހަގަކުރުމަށާއި، އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، އަހަރުތަކެއް ވަންދެން އަޅާނުލެވި ދޫކޮށްލާފައިވާ ސިއްހީ ނިޒާމް ކޮޅަށްޖެހުމަށްޓަކައި މި ސަރުކާރުން، ޙާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ސިއްޙީ ނިޒާމެއް ބައްޓަން ކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ތަފާތު ބޮޑެތި ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދާވަކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސައްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު އަބްދުލްޤާދިރު ވަނީ ސަރުކާރުން، ޚާއްސަގޮތެއްގައި މިލަންދޫ ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރުއްވާފައެވެ. މެމްބަރު ޙަސަން މުފީދުގެ ވާހަކަފުޅުގައި މިލަންދޫ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވުނު އިމާރާތާއި، އެ ސިއްޙީ މަރުކަރުން އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ލިބިގެންދިޔުމަކީ މިލަންދޫގެ އިތުރުން ކައިރި ރައްރަށުގެ ރައްޔިތުންނަށްވެސް އެކަމުގެ ސަބަބުބް ލުއިފަސޭހަތަކެއް ލިބިގެންދިޔަކަމެއްކަން ފާހަގަކުރައްވާފައެވެ.

މިލަންދޫ ސިއްޙީ މަރުކަޒަށް 16 އަހަރު ފުރުމާ ގުޅިގެން ވަނީ، އެ މަރުކަޒުގެ ތާރީޚުގައި އައިސްފައިވާ ބަދަލުތަކާއި ކުރިއަގެންގޮސްފައިވާ މަސައްކަތްތަކާއި އިތުރަށް ބޭނުންވާ ކަންކަން ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ފޮތެއްވެސް ނެރެފައެވެ. މި ފޮތް ވަނީ ހެލްތް މިނިސްޓަރގެ އިތުރުން އެ ދާއިރާގެ މެމްބަރަށްވެސް އަރުވާފައެވެ. މިލަންދޫ ސިއްޙީ މަރުކަޒަށް 16 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވަނީ ޙާއްސަ ކޭކެއްވެސް ފަޅާފައެވެ.