ކުޅިވަރު

ގްރޫޕް ސްޓޭޖަށް ދިއުމަށް ޓީސީ ފުރަތަމަ ފިޔަވަޅު ގިރާކޮށްފި


އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބް ބަލިކޮށް، ގްރޫޕް ސްޓޭޖަށް ދިއުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަޅު ޓީސީން ގިރާކޮށްފިއެވެ. 

ބަނގްލަދޭޝްގައި ކުޅުނު ފުރަތަމަ ލެގު މިއަދު ޓީސީން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗުގައި ޓީސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކިރިގިސްތާންގެ މިޑްފީލްޑަރ އަނަޓޯލީ ވަލްޝިޗޭވްއެވެ. މިއީ ވަލްޝިޗޭވް ޓީސީއަށް ކުޅެދިން ރަސްމީ ފުރަތަމަ މެޗެވެ. މެޗުގައި އޭނާއަށް ލަނޑު ޖަހަން އެހީވެދިނީ ޓީސީގެ ޖަރޒީގައި ފުރަތަމަ މެޗު ކުޅުނު އޭދަފުށީ އިޝާން އިބްރާހީމް، ސައްޓުއެވެ. 

ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް މާ އެދޭވޭ ކުޅުމެއް ނުފެނެއެވެ. އަދި ނުރައްކާތެރި ހަމަލާތަކެއްވެސް ނުއުފެއްދެއެވެ. ނަމަވެސް ޓީސީއިން ލަނޑު ޖެހުމާއި ގުޅިގެން ސައިފް ޓީމް ކުރިއަށް ޖެހި ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މެޗުގައި ޓީސީގެ ބެލަރޫސްގެ ކީޕަރަށް އަނިޔާވެ، އޭނާއަށް ވަނީ ދެ ފަހަރެއްގެ މަތިން ފަރުވާދީފައެވެ. އަދި މެޗުގެ ދެވަނަ ހާފް ފެށުމުގެ ކުރިން އަސްނިން ވަނީ ބަދަލުކޮށްފައެވެ. އަސްނިންގެ ބަދަލުގައި މެޗުގެ ދެވަނަ ހާފްގައި ޓީސީގެ ގޯލް ބެލެހެއްޓީ އިބްރާހީމް ނަދީމްއެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގު މާލޭގައި ކުޅޭނީ މިމަހުގެ ތިރީސްވަނަ ދުވަހުއެވެ. ދެ ލެގުގެ ނަތީޖާއިން ކުރި ހޯދާ ޓީމެއް ދެން ކުޅެން ޖެހޭނީ ޕްލޭއޯފްގައެވެ. ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ ޕްލޭއޯފްއިން ކުރި ހޯދާ ޓީމަކަށެވެ. ޕްލޭއޯފްގައި ވާދަކުރަން ޖެހޭނީ ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި އިންޑިއާގެ ބެންގަލޫރު ވާދަކޮށް މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.