މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ޔޫއެން އާއި އީޔޫގައިގައި އެއްބަސްވެވަޑައިގެންފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އދގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ވާދަކުރާތީ ތާއީދު ހޯދެއްވުމަށް އެފްރިކާގެ ތިން ޤައުމުކަށް ކުރެއްވި ދަތުރު ނިންމާވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދުރުސަތު ނެތްކަމަށް ރައީސް ނަޝީދު އަމިއްލަފުޅަށް އެއްބަސްވެވަޑައިގެންފައިވާކަމަށެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެތީ ނަޝީދުގެ ވިސްނުފުޅު ހުރީ އެމަނިކުފާނު ބޭނުންފުޅުވާ ކޮންމެ ކަމެއް ކޮށްދޭނެ މީހަކު އިންތިހާބަށް ނެރި އެހެން ޕާޓީތަކަށް އެ ފުރުސަތު ނުދެއްވުމަށް ކަމަށެވެ. އަދި އިންތިހާބަށް މީހަކު ނެރުން ލަސްކުރައްވަނީވެސް އެ ސަބަބާއި ހުރެކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.
" ބައިނަލް އަޤްވާމީ ފަރާތްތަކުގައި ރައީސް ނަޝީދު އެއްބަސްވެ ވަޑައިގެންފައިވަނީ އެމަނިކުފާނަށް އިންތިޚާބްގައި ބައިވެރި ނުވެވޭނެކަން ޤަބޫލުކުރައްވާކަމަށް. އެކަން އެހެން އޮވެވެސް އެ ލަސްކުރާ ލަސްކުރުމަކީ އޭގައި އޮންނާނެ ކޮންމެވެސް ސިއްރެއް. އެންމެފަހުން އައި އީޔޫގެ ވަފުދުން މިތަނުގައި ތިބި ސިޔާސީ ފަރާތްތަކާ ބައްދަލުކުރަން ބުނީމަ ނަޝީދާ އެކަނި ބައްދަލުކުރަން ފުރުސަތު ލިބުނީ ލަންކާއަށްގޮސް. ފޮރުވިފަ ކަންތައްތަކެއް ނެތިއްޔާ ކީއްވެތޯ އެކަންތައްތަކެއް ވާންވީ. މީ މިހާރު އިދިކޮޅު ފަރާތްތަކުން ވިސްނަންޖެހޭ ކަންތައްތައް. " މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރ ޝައިނީ ވިދާޅުވީ ރައީސް ނަޝީދު އަށް އިންތިޚާބުގައި ބައިވެރިވެވޭނެކަމަށް ޔޫއެންއިން ކަނޑައަޅާނެކަމަށް ބުނެ ދައްކަވާ ވާހަކަތަކަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ދައްކަވަމުން ގެންދަވާ ވާހަކަތަކެއްކަމަށެވެ. އަދި ރާއްޖޭގެ އިންތިޚާބެއްގައި ވަކި މީހަކަށް ވާދަކުރެވޭނެކަމަށް އެއްވެސް ފަރާތަކުން ބުނުމަކީ ކުރެވޭނެކަމެއްނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
" ޔޫއެންއަކީ އެމަނިކުފާނު ބޭނުންވާގޮތަށް ކަންތައްކުރެވޭނެ ކަހަލަ ތަނެއްގޮތަށް ސިފަވާގޮތަކަށް މި ދަންނަވަނީ. އަޅުގަނޑު އެންމެ ފަހުން ޕާޓީ ޓޯކްސްގެ ޗެއަރގެ ހައިސިއްޔަތުން ޔޫއެންގެ ޕޮލިޓިކަލް ޑިވިޝަންގެ އެންމެ އިސްފަރާތާ ބައްދަލުކޮށް ދެއްކިވާކަހަތަކުގެ ތެރޭގައި އަޅުގަނޑު ކައިރީގައި ވަރަށް ސާފްކޮށް ވިދާޅުވި ރައީސް ނަޝީދު ކުރިމަތި ނުލެވޭނެކަން ޤަބޫލުކުރައްވައިފިއޭ. އެހެންވީމާ ޔޫއެންގަ ގޮސް އެކަހަލަ ވާހަކަތަކެއް ދައްކާފައައިސް ޔޫއެންގެ ފަރާތުން ތިމަންނައަށް ފުރުސަތު ދޭނެޔޭ ކިޔާގެން ވާހަކަދައްކަނީ. ޔޫއެން ހިނގާގޮތަށް ބަލައިރު އެއީ ކުރެވޭނެގޮތެއް ނޫން. ބަންޑާރަ ނައިބް ވަރަށް ސާފްކޮށް ބުނެފަ އެއޮތީ އާއްމުކޮށް މިހިނގާ ބައިނަލްއަޤްވާމީ ނޫމްގެ ތެރޭގައި ބަލާކަމަށްވަންޏާ މީހަކަށް ވެރިކަން ދޭކަށެއް އަމުރުނުކުރާނެކަަން. އެހެން ނޫން އެމަނިކުފާނު ލައިގެން އެ އުޅޭ މައްސަލައިގައި ކޮންމެވެސް ރޫލިންއެއް ނެރިދާނެ. އެއީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތައް ފޫ އަޅުވާލާފަ ރާއްޖޭގެ ވެރިކަން ކުރުމަށް ދޭ ސްލައިސްއަކަށް ނުވާނެ. " މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރ ޝައިނީ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބުކޮށް ރައީސް ޔާމީން ވެރިކަމަށް އަންނާނީ އިންތިޚާބްގައި ބައިވެރިވެ ބޮޑު ތަފާތަކުން ކާމިޔާބީ ހޯދައިގެންކަމަށެވެ.