ޚަބަރު

އެފްރިކާއަށް ކުރި ދަތުރު ކާމިޔާބު - ފިޝަރީޒް މިނިސްޓަރ


އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް މެމްބަރުން ހޮވުމަށް އަންނަ ޖޫންމަހު ބާއްވާ ވޯޓުގައި ރާއްޖެއަށް ތާޢީދު ހޯދުމަށް ސަރުކާރުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އެފްރިކާގެ ބައެއް ޤައުމުތަކަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އެފްރިކާގެ 3 ޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މީޑިއާއާއި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ދެ ޤައުމެއްގެ ފޮރިން މިނިސްޓަރާއި އެއް ޤައުމުގެ ފޮރިން މިނިސްޓަރުގެ ނައިބާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ބައްދަލުވުންތަކުގައި އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށް އެއްބާރުލުން ހޯދުމާއި ގުޅޭ މުހިންމު މަޝްވަރާތައް ކުރެއްވިކަމަށެވެ. އަދި ކުރެއްވި މަޝްވަރާތަކުން ވަރަށް ޕޮސިޓިވް ޖަވާބެއް ލިިބުނުކަން މިނިސްޓަރ ފަހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިލާ މީއީ ފުރަތަމަ ފަހަރު ކަމަށްވުމާއެކު، ފޮރިން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ މި ގޮނޑިއަށް ކުރިމަތިލާ އެހެން ޤައުމުތަކަށްވުރެ ރާއްޖެ ރަނގަޅުކަމަށް ޤައުމުތަކުން ހާމަކޮށްފައިވާކަމަށެވެ.

"މި ވޭތުވެދިޔަ 65 އަހަރު ތެރޭގައި އަޅުގަނޑުމެން ކުރިމަތިލި ފުރަތަމަ ފަހަރަކީ މީކަމަށްވުމާއެކު، ރާއްޖެއިން ތިމާވެށީގެ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިންނާއި އަދި ކުދި ޤައުމުތަކުގެ ފަރާތުން ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދައްކާ ވާހަކަތަކަށް އެބޭފުޅުން ވަރަށް ބޮޑަށް ތާއިދުކުރައްވާ ރާއްޖެ މިކަމަށް ތައްޔާރުވެފައި އޮތްކަމަށް އެޤައުމުތަކުން ހާމަކުރައްވާ. ރާއްޖެއަށް މިކަމުން ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އެފްރިކާ ބައްރުގެ ގިނަ ޤައުމުތަކުގެ ތާއީދު ރާއްޖެއަށް އެބައޮތް" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ ޝައިނީ ކުރެއްވި މިދަތުރުފުޅުގައި އިރުމަތީ އެފްރިކާގެ ތިން ޤައުމުކަމަށްވާ ޓެންޒޭނިއާ އާއި މޮޒަންބީކާއި ސައުތު އެފްރިކާއަށް ވަޑައިގެން މިޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވިއެވެ. އަދި މިދަތުރުފުޅުގައި މިޤައުމުތަކުގެ ފިޝަރީޒް މިނިސްޓަރުންނާއިވެސް މިނިސްޓަރ ޝައިނީ ވަނީ ބައްދަލުކުރައްވާ މަސްވެރިކަމާއި ގުޅުހުންހުރި ކަންކަމުގެ މަޝްވަރާތައް ކުރައްވާފައެވެ.

އދގެ ސަލާމަތީ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ވޯޓުގެ އޮންނާނީ އަންނަ ޖޫން މަހުގައެވެ. އަދި ރައްޖެއަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވޭނެކަމަށް ސަރުކާރުން ޤަބޫލްކުރެއެވެ.