ޚަބަރު

ގެވެށި އަނިޔާއާ ގުޅޭ ކޮންފަރެންސަށް 10 ކަރުދާސް ހުށަހަޅާނެ


ގެވެށި އަނިޔާއާ ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރުގައި ބާއްވާ ކޮންފަރެންސަށް ދިހަ ކަރުދާސް ހުށަހަޅާނެކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފް.ޕީ.އޭ.އިން ބުނެފިއެވެ. "ނޭޝެނަލް ކޮންފަރެންސް އޮން ރިސަރޗް އިން ޑޮމެސްޓިކް ވަޔަލެންސް" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް އޮންނާނީ މި މަހުގެ 28ން 29 މި ދެ ދުވަހުއެވެ.

ގެވެށި އަނިޔާއާ ބެހޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުމަށް ކޮންފަރެންސެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހަމަހަމަ ގޮތެއްގައި ޙިމާޔަތާއި، ރައްކާތެރިކަމާއި، ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ލިބިގަތުމަށް މަގުފަހިކޮށްދިނުމެވެ. މި ކޮންފަރެންސާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޕްރޮގްރާމްސް ރިސަރޗް އެންޑް އެޑްވޮކަސީ ޑިޕާރޓްމަންޓްގެ ޑިރެކްޓަރ، ޒީނަތު ޝާކިރު ވިދާޅުވީ، އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަށް ކަރުދާސް ހުށަހަޅަން ހުޅުވާލި ފުރުޞަތުގައި ދިހަ ފަރާތަކުން ކަރުދާސް ހުށަހަޅާފައިވާކަމަށެވެ. ކޮންފަރެންސްގެ ތެރެއިން ޕްރެޒެންޓޭޝަނެއްގެ ގޮތުގައި މި ކަރުދާސްތައް ހުށަހަޅައި، ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެކަމަށް ޒީނަތު ވިދާޅުވިއެވެ.

"މި ކަރުދާސްތަކަށް ބަލާއިރު ބައެއް ކަރުދާސްތަކަކީ ކަމާބެހޭ މުއައްސަސާތަކާ އިންޓަރވިއުކޮށްގެން، ބައްދަލުކޮށްގެން، މަޢުލޫމާތު ހޯދައިގެން އެކުލަވާލާފައިވާ ކަރުދާސްތައް. މީގެ ތެރޭގައި އެބަހުރި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވަނީ ކޮންކަހަލަ ގެވެށި އަނިޔާއެއްގެ މައްސަލަތޯ ނުވަތަ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ނުކުންނަ ހަޟާނާތުގެ މައްސަލަތަކުގައި މަސައްކަތްކުރުމުގައި ހުންނަ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުން ކަހަލަ މައުޟޫޢުތައް." ޒީނަތު ޝާކިރު ވިދާޅުވިއެވެ.

މި ކޮންފަރެންސައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަރުދާސްތަކަށް ބަލާއިރު މީގެ ތެރެއިން ތިން ކަރުދާހަކީ ފެމިލީ ޕްރޮޓެކްޝަން އޮތީރިޓީން ހުށައަޅާ ކަރުދާހެކެވެ. 

އޭގެ އިތުރުން ފެމިލީ ޕްރޮޓެކްޝަން އޮތީރިޓީއާއި ކެއަރ ސޮސައިޓީއާ ގުޅިގެން ހުށަހަޅާ ކަރުދާހަކާއި، އިންސްޓިޓިއުޓް ފޮރ ކައުންސެލިން އެންޑް ސައިކޯތެރަޕީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ހޯޕް ފޮރ ވިމަން އާއި އަމިއްލަ ފަރުދުންގެ ތެރެއިން ދެ ފަރާތަކުން ހުށަހަޅާ ދެ ކަރުދާހެއް ހިމެނޭކަމަށް އެ އޮތޯރިޓީން ބުނެއެވެ. ދެ ދުވަހުގެ މި ކޮންފަރެންސްގެ ތެރެއިން، ގެވެށި އަނިޔާއާ ގުޅޭގޮތުން ތަފާތު ދިރާސާތައް ތައްޔާރުކުރުމަށް، މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި، ވަކިވަކި ފަރުދުންނަށް ހިތްވަރުދީ، އެފަދަ ދިރާސާތައް ހުށަހަޅައި، ދިރާސާތަކުގެ ހޯދުންތަކާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެކަމަށް އެފް.ޕީ.އޭ އިން ބުނެއެވެ.

އެކި މުއައްސަސާތަކުން ހުށަހަޅާ ތަފާތު ކަރުދާސްތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން މި ކޮންފަރެންސްގެ ތެރެއިން ވަރަށް ޚާއްޞަ 2 ޕެނަލް ޑިސްކަޝަންވެސް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެ ގޮތުން ފުރަތަމަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކާނީ އިސްލާމީ ނަޒަރަކުން ގެވެށި އަނިޔާއާ ގުޅޭގޮތުންނެވެ. ދެވަނަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމުގައި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން ފޯރުކޮށްދޭ ރައްކާތެރިކަމާގުޅޭގޮތުންނެވެ.

މި ޕެނަލް ޑިސްކަޝަންގެ އެންމެ ބޮޑު މަޤްޞަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެންމެ ލުއިފަސޭހަގޮތަކަށް އިންސާފު ހޯދޭނެ ގޮތްތައް ދެނެގަތުމާއި، އިންސާފު ލިބިގަތުމަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބާކަމާއި މުއައްސަސާތައް ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ.

"ނޭޝެނަލް ކޮންފަރެންސް އޮން ރިސަރޗް އިން ޑޮމެސްޓިކް ވަޔަލެންސް"ގެ ނަމުގައި ގެވެށި އަނިޔާއާ މެދު ޢާއްމުން ހޭލުންތެރިކުރުވުމަށް ބާއްވާ ކޮންފަރެންސްގެ ޝިޢާރެއްގެ ގޮތުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަނޑައަޅާފައިވަނީ "ރައްކާތެރިކަން". މިއެވެ.