ކުޅިވަރު

ސަންޗޭޒް މެންޔޫއަށް ދިޔައީ ފައިސާއަށް - ވެންގަރ


އާސެނަލް އަދި ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ. މެންޗެސްޓަރ ޔުނައިޓެޑްގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިއާގެ ގޮތުގައި ޔުނައިޓެޑާއި ގުޅުމަށްފަހު ސަންޗޭޒް ބުނީ މެންޔޫއަށް ބަދަލުވެވުމުން އުފާވާކަމަށާއި، މިއީ އޭނާ ވަރަށް ކުރިންވެސް ކުޅެން ބޭނުންވި ކްލަބެއް ކަމަށެވެ.

ސަންޗޭޒް ބުނީ އޭނާ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަންގެ ދައުރުގައިވެސް ޔުނައިޓެޑާއި ގުޅެން މަސައްކަތް ކުރި ކަމަށާއި، އެހެންނަމަވެސް މިހާރު ދުނިޔޭގެ އެންމެ ބޮޑު ކްލަބާއި ގުޅުމުން ވަރަށް އުފާވާކަމަށެވެ.

އާސެނަލް އާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަ މަސް އޮތް، ސަންޗޭޒް ހޯދުމަށް މެންޔޫއިން އާސެނަލްއަށް އެއްވެސް ފީއެއް ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި މެންޔޫއިން ވަނީ އާސެނަލްއަށް އެޓީމުގެ މިޑްފިލްޑަރ ހެންރިކް މިޙްތާރިޔަން ދޫކޮށްލާފައެވެ.

މީގެކުރިން ޔުނައިޓެޑްގެ ވާދަވެރި މެންޗެސްޓަރ ސިޓީ އާއި ގުޅޭނެކަމަށް ބެލެވުނު ސަންޗޭޒް ޔުނައިޓެޑާއި ގުޅުނީ އޭނާ ބޭނުންވި ވަރުގެ މުސާރައެއް ދޭން ސިޓީއިން ދެކޮޅުހެދުމުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑްގައި ސަންޗޭޒް ބޭނުންކުރާނީ މަޝްހޫރު ހަތް ނަންބަރު ޖަރޒީއެވެ.

އަދި އޭނާއަށް މުސާރައިގެ ގޮތުގައި ހަފްތާއަކު ހަތަރު ލައްކަ ފަންސާސް ހާސް ޕައުންޑް މެންޗެސްޓަރ ޔުނައިޓެޑްއިން ދޭނެއެވެ. އެހެންނަމަވެސް ބޯނަސްއާއެކު މިއަދަދު ހަފްތާއަކު ހަ ލައްކަ ޕައުންޑަށް އަރާނެކަމަށް ބެލެވެއެވެ. މިއާއެކު ސަންޗޭޒް ވެގެންގޮސްފައިވަނީ ޕްރިމިއަރ ލީގުގެ ތާރީޚްގައިވެސް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.

ސަންޗޭޒް އާސެނަލް ދޫކޮށް، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން އާސެނަލްގެ ކޯޗު އާސެން ވެންގަރ ބުނީ ސަންޗޭޒް ކްލަބް ބަދަލުކުރީ ފައިސާގެ ބޭނުމުގައި ކަމަށެވެ. ކޯޗު އާސެން ވެންގާ ބުނީ ސަންޗޭޒް ކުލަބުގައި ބަހައްޓަން އާސެނަލްއިން ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ހިތުގެ އެދުމާ ދެކޮޅަށް މީހަކު ގަދަ ކަމުން ނުބެހެއްޓޭނެ ކަމަށެވެ. ވެންގާ ބުނީ އިންސާނާގެ އުޅުން ބަހައްޓާގޮތުން ވަރަށް ގިނަކަންކަން ދޭހާވާނެ ކަމަށާއި، އާސެނަލްއިން ނުދެވިގެން އެއްވެސް މީހަކު އުޅެން ނުޖެހޭނެ ކަމަށެވެ. އަދި އެލްކްސިސް ސަންޗޭޒްގެ އުމުރުން 30 އަހަރުވެފައިވާތީ މިއީ ކުޅުންތެރިޔާގެ ޕްރޮފެޝަނަލް ފަހު ކޮންޓްރެކްޓަށްވުން އެކަށީގެންވާ ކަމަށާއި، ފައިސާގެ ބޭނުމުގައި މި ކޮންޓްރެކްޓަށް ދިއުމަކީ ކުޅުންތެރިޔާ އަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

 މުއްސަދި މެންޗެސްޓާ ސިޓީން ސަންޗޭޒް ހޯދަން ކުރި މަސައްކަތް މުސާރައިގެ މައްސަލާގައި ހުއްޓާލުމުން އޭނާ ކުލަބުގައި ބަހައްޓަން އާސެނަލް ފަދަ ތަނަވަސްކަން ކުޑަ ކުލަބަކަށް ކުރެވޭނެ އެއްވެސް ކަމެއްނެތް ކަމަށެވެ. ސަންޗޭޒަކީ ކުރިން ބާސެލޯނާ އަށް ކުޅުނު ފޯވަޑެކެވެ.