ތިމާވެށި

އަމިއްލަޔަށް ކުނިއުކާނަމަ ގޭޓްފީގެ ގޮތުގައި 30ރުފިޔާ ދައްކަންޖެހޭ


އަމިއްލައަށް ކުނިއުކުމަށް ވޭސްޓް މޭނޭޖް ކޯރޕަރޭޝަން(ވެމްކޯ)ގައި ރަޖިސްޓްރީނުކޮށް ކުނި އުކާ ފަރާތްތަކުން އަންނަ މަހުން ފެށިގެން ގޭޓް ފީއެއް ދައްކަންޖެހޭ ގޮތައް ވެމްކޯއިން ނިންމައިފިއެވެ. މިދިޔަ އަހަރުން ފެށިގެން އަމިއްލައަށް ކުނި އުކާލުމަށް ބޭނުންވާ ފަރާތްތަކަށް ވެމްކޯގައި ރަޖިސްޓްރީކުރުމަށް އެކުންފުނިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ވެމްކޯއިން މަޢްލޫމާތުދޭގޮތުގައި އަމިއްލައަށް ކުނި އުކާލުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގައި، ކުނި އުކާލުމުގެ ޚިދުމަތަށް އެދި ހަތްސަތޭކައަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. މީގެ ތެރޭގައި ބައިސްކަލުގައި ކުނި އުކާލުމަށް ރަޖިސްޓްރީ ކުރި ތިރީސް ފަރާތަކުންނެވެ. ވެމްކޯއިން ބުނީ ރަޖިސްޓްރީ ނުކޮށް މިހާރު ކުނި ކުނި އުކާ  ފަރާތްތަކަށް ނަސޭޙަތްދީ ރަޖިސްޓްރީ ވުމަށް ފުރުޞަތު އަދިވެސް ދޭނެކަމަށެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަޖިސްޓްރީނުކޮށް ކުނި އުކާލުމަށް އަންނަ ފަރާތްތަކުން 30 ރުފިޔާގެ ގޭޓް ފީއެއް ނަގާނެކަމަށް ވެމްކޯއިން ބުނެއެވެ. 

މާލޭގެ ވޭސްޓް މެނޭޖްކުުރުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވީ މާލޭގެ ކުނި މެނޭޖްކުރުމަށް ދަތިތަކެއް ދިމާވެފައި ވީނަމަވެސް ވެމްކޯއިން މާލޭގެ ކުނި ނެގުމުގެ މަސައްކަތްފެށިފަހުން ބަދަލުތަކެއް އަންނަން ފަށާފައިވާކަމަށެވެ.

މިދިޔއަ އަހަރުން ފެށިގެން މިދަނީ މާލޭގެ ކުނި މައްސަލަ ހައްލުކުރުމަށްޓަކާ ފަހަރަކު ކަމަކާ ފިޔަވަޅު އަޅަމުން، ފަހަރަކު ކަމއެއް ހުއްޓުވަމުން، ފަހަރަކު ކަމެއް ތަޢާރަފުކުރަމުން. އެގޮތުން މިދިޔަ އަހަރާ ހަމައަށް އެޗީވް ކުރެވުނު އެންމެ ބޮޑު އެއްކަމަކީ ބައިސްކަލުތަކުގައި އެލުވައިގެން މަގުތަކަށް ކުނި އެޅޭގޮތަށް ކުނި އުފުލުން ހުއްޓުވުން. އެކަން ހަމައަކަށް އެޅި ވެމްކޯގެ ކަލެކްޝަން ސިސްޓަމް ރަނގަޅު ފެންވަރެއްގައި ފެށިފައި." މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވިއެވެ.

ވެމްކޯއިން މާލޭގެ ކުނި ނެގުމާއި ހަވާލުވީއިރު ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ޤަވާއިދެއް ހެދިފައެއް ނޯވެއެވެ. ވެމްކޯއިން ކުނި ނެގުމާ ޙަވާލުވުމަށްފަހު މީގެ ކުރިން ބިދޭސީން ކުނި ނަގަމުން ގެންދިޔަ އިރު ދިމާވަމުން ދިޔަ މައްސަލަތައް މިހާރުވަނީ ޙައްލުވެފައެވެ. އެގޮތުން ބައިސްކަލުގައި ކުނި އުފުލާއިރު މަގުމައްޗަށް ކުނި އެޅުން އެއްކޮށް ހުއްޓިފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް ކުނި ނެގުމުގައި ދިމާވަމުންދާ އެކި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވެމްކޯއިން ބުނެއެވެ.