ރިޕޯޓް

ސިފައިންނަށް އިޖުތިމާޢީ ކަންކަން ކުރެވެނީ ޤައުމު އަމާންވުމުން


ދިވެހި ސިފައިންނަށް އިޖުތިމާޢީ އެކި ކަންކަން ކުރެވެނީ، ސުލްހަ މަސަލަސްކަމައި، ހަމަޖެހުން ޤާއިމްވެފައި އޮވެގެންކަަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާއިން ހއ.ކެލާގައި ކުރިއަށްގެންދިޔަ މޫދު ކަސްރަތުން އުފާވެރިކަން، މި ޕްރޮގްރާމްގެ 13 ވަނަ ބުރާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމާއެކު ކުރިއަށްގެންދިޔަ، ސައިން ލޭންގްއޭޖް ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. 

ހއ.ކެލާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ސިފައިންނަށް އެކިއެކި އިޖުތިމާޢީ ޙަރަކާތްތައް ހިންގެނީ ޤައުމު އަމާންކަން މަތީ އޮތުމުން ކަމަށާ، އެ އަމާންކަން ނެތްނަމަ ސިފައިންގެ މަސްއޫލިއްޔަތަކަށް ވާނީ އާމާންކަން ޤާއިމް ކުރުމަށް މަގުތަކަށް ނިކުތުން ކަމަށެވެ. ކެލާގައި ނިންމި މޫދު ކަސްރަތު ޕްރޮގްރާމުންވެސް، ރައްޔިތުންގެ އިޖުތިމާޢީ ފޭރާން ރަގަޅު ކުރަން ދިވެހި ސިފަައިން މަސައްކަތް ކުރާ މިންވަރު ހާމަވެގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

" މިއަދު މުޖުތަމައުގައި އުޅޭ ކޮންމެ ފަރުދަކުވެސް ވިސްނާލަން ޖެހޭ، މިއަދު ޤާއިމްވެފައި އޮތް އާމަންކަމާއި ސުލްހަ މަސަލަސްކަން ދާއިމީ ގޮތެއްގައި ދެމެހެއްޓުމަަށް އަޅުގަނަޑުމެންގެ ފިކުރާއި ޢަމަލު ބަހައްޓަން ޖެހޭނީ ކިހިނެތްކަން. ކޮންމެ މީހަކީވެސް ޤައުމަށްޓަަކއި ޒިންމާދާރު މީހަަކަށް ވާންޖެހޭ. ޤައުމުގައި ތަރައްޤީގެ ކުލަވަރުތައް ފެންނަމުންދިއަޔަސް، ބްރިޖް އަޅާ، ވަށާ ތޮށިލާ، ރަށުގައި ކިތައްމެ ބޮޑު ފާލަމެއް ހެދިޔަސް، އެކަން ކަން ކުރުމަށް ކޮންމެ ސަރުކާރެއް އޮތަސް އެކަންކަން ކުރެވޭނީ ރައްޔިތުން އެއްބައިވަންތަވެގެން. މިއީ މިއަދު ރައީސް ޔާމީން ދައްކަވައިދެއްވާ މަންޒަރު" ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ. 

މި ރަސްމިްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، ސިފައިންގެ ސަފުތައް ބަދަހިކަންމަތީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބޭ އެންމެ ބޮޑު ސަބަބަކީ މިއަދު ސަރުކާރުގެ ސިޔާސަތުކަމަށެވެ. 

" މިއަދުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފަކީ އެއްގޮތަކަށްވެސް މަޤާމުގެ ފަހަތުގައި އަރާމު އެނދެއްގައި އޮންނަވައިގެން އެކަން ކުރައްވާ ބޭފުޅެއް ނޫން. ރެއާ ދުވާލު ޚިދުމަތުގައި ހުންނަވަނީ. އެބޭފުޅާގެ އެހީތެރިކަން އަބަދުވެސް ދެއްވާ،. މާދުރަށް ވިސްނާ އަބަދުވެސް މަގުތައް ފަހިކޮށްދެއްވާ. ޚާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ޢިއްޒަތްތެރި ސިފައިންގެ ވެރިޔާ، ރައީސް ޔާމީން، އެ އެމަނިކުފާނުގެ ޒަޢާމަތު ފެށުމާއެކު ދިވެހި ސިފައިންނަށް ހަމަނޭވާލައި ސިފައިން ސިފައިންގެ ކަންތައްތަކުގައި އުޅޭވޭނެ މަގު ފަހި ވެގެންދިޔައީ. ސިފައިންނަކީ ކޮން ބައެއްކަން ރަގަޅަށް އިހްސާސްވެ، ރައްޔިތުންނަށް ކޮށްދެވެން ހުރި ކަންކަމައިގެން ކުރިއަށްދިއުމުގެ ފުރުޝަތު ލިބިގެންދިޔައީ އެހިސާބުން. " ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. 

ކެލާގައި ބޭއްވި ދެ ކޯހުގެ ތެރެއިން، މޫދު ކަސްރަތުން އުފާވެރިކަން، މި ޕްރޮގްރާމްގެ 13 ވަނަ ބުރުގައި 177 މީހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ، 15 ދުވަހުގެ ތެރޭގައި ގިނަ ބައިވެރިން ވަނީ ވަރަށް ރަގަޅު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ކެލާގެ ރައްޔިތުންގެތެރެއިން ޢުމުރުން ދުވަސްވީ ގިނަ ބަޔަކުވެސް ބައިވެރިވި މި ޕްރޮގްރާމަކީ ފަހުގެ ތާރީޚެއްގައި ރައްޔިތުންނަށްޓަކައި ބޭއްވި އެންމެ ފާހަގަކޮށްލެވޭ ޕްރޮގްރާމްކަމަށް ކެލާ ރައްޔިތުން ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމާއެކު ކެލާގައި ކުރިއަށްގެންދިޔަ ސައިން ލޭންގްއޭޖް ކޯހުގެ ސަބަބުން، އަޑުއިވުމުން މަހްރޫމްވެފައިވާ ކުދިންނާ މުޢާމަލާތުކޮށް، މުޖުތަމަޢުގައި އެކުދިންގެ ބައިވެރިވުން އިތުރުވެގެންދާނެކަމަށް ކެލާ ރައްޔިތުން ޤަބޫލުކުރެއެވެ.