ރިޕޯޓް

ޔޫރަޕްގެ ޤައުމުތަކުގެ ޔުނިވާސިޓީތަކުން ދިވެހިންނަށް ފުރުޞަތު


ޔޫރަޕްގެ ޤައުމުތަކުގެ ޔުނިވާސިޓީތަކުން ތަޢުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ފަހި ކޮށްދިނުމަށްޓަކައި ޔޫރަޕްގެ ބައެއް ޔުނިވާސިޓީތަކާއި ރާއްޖޭގެ ޔުނިވާސިޓީއަކާ ދެމެދު ވަރަށް އަވަހަށް އެއްބަސްވުމެއް ޤާއިމްކުރެވޭނެކަމަށް ޔޫރަޕްގެ ޢިއްތިހާދަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ޔުނިވާސިޓީތަކުގައި ތަޢުލީމް ހާސިލްކުރަމުން އަންނަނީ ރާއްޖޭގެ ވަރަށް މަދު ދަރިވަރުންތަކެކެވެ. އެހެންކަމުން މަތީ ތަޢުލީމް ޙާޞިލްކުރަން ބޭނުންވާ ދަރިވަރުންނަށް ޔޫރަޕްގެ ޤައުމުތަކުގެ ޔުނިވާސިޓިން ތަޢުލީމް ހޯދޭނެ މަގު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ރާއްޖެއާއި އިޔޫއާ ދެމެދު ދަނީ މަޝްވަރާކުރަމުންނެވެ. ޔޫރަޕްގެ ޔުނިވާސިޓީތަކުގައި ދިވެހި ދަރިވަރުންނަށް ހުރިފުރުޞަތުތަކާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިނގިރޭސިވިލާތަށާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން ވިދާޅުވީ، މިކަމާ ގުޅޭގޮތުން އިޔޫއާއެކު ކުރެވޭ މަޝްވަރާގެ ދަށުން ރާއްޖޭގެ ކިޔަވާ ކުދިންނަށް ޔޫރަޕްގެ ޔުނިވާސިޓީތަކުން ކިޔެވުމުގެ ފަހިފުރުސަތުތަކެއް ވަރަށް އަވަހަށް ހަމަޖެހި އެކަމުގެ އެއްބަސްވުމަކަށް އާދެވޭނެކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި  މިކަމާގުޅޭ އިތުރު ދިރާސާތަކެއްކޮށް ޔޫރަޕްގެ ބައެއް ޔުނިވާސިޓީތަކާއި ރާއްޖޭގެ ޔުނިވާސިޓީއަކާ ދެމެދު ކިޔަވާ ކުދިން ބަދަލުކުރުމުގެ ނިޒާމެއް އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް ޝިއާން ވިދާޅުވިއެވެ. ރާއްޖޭގެ މަދު ދަރިވަރުންތަކެއް އިނގިރޭސިވިލާތުގައި ތަޢުލީމް ހާސިލްކުރަމުންއަންނަކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ޔޫރަޕްގެ ވަރަށް ގިނަ ޤައުމުތަކުގެ ޔުނިވާސިޓީތަކުގައި ރާއްޖޭގެ ދަރިވަރުންނަށް ފުރުޞަތުތައް އެބައޮތްކަމަށެވެ. އެހެންކަމުން އެފުރުސަތު ދިވެހިންނަށް ހޯދައިދިނުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި، ދެ މަރުހަލާއަކަށް ބަހާލައިގެން މިސައްކަތް ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދަރިވަރުން ބަދަލުކުރުމަށް ބޭނުންވާ ޔުނިވާސިޓީތައް ފާހަގަކުރަމުން އަންނަކަމަށާއި، މިހާތަނަށް 4 ޔުނިވާސިޓީއަކާއެކު މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.ޝިޢާން ވިދާޅުވީ،  މިކަމުގައި ދިވެހިން ޢާންމުކޮށް ތަމްރީނުހޯދާ ދާއިރާތަކުގެ އިތުރުން ދިވެހިން އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ފާހަގަކޮށް އެދާއިރާތަކަށް އިސްކަން ދެއްވާކަމަށެވެ. މީގެ އިތުރުން ކިޔަވާކުދިން ބަދަލުކުރުމަށް ބޭނުންވާ އިތުރު ޔުނިވާސިޓީތައްވެސް ފާހަގަކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ސަފީރު ވިދާޅުވިއެވެ.

"އޭވިއޭޝަން އިންޖިނިއަރިންގް ދާއިރާއާއި، އާކިޓެކްޗަރ، ލޯޔަރުންނާއިޑޮކްޓަރުން، އަދި ޓީޗަރުންނާއި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނާ ފިޒިކްސް އަދިކެމިސްޓްރީ ދާއިރާތަކުން އޮތް ފުރުސަތުތަކާ އެނޫންވެސް ވަރަށް ގިނަ ދާއިރާތަކުންފުރުސަތު ހޯދުމަށް މަސައްކަތްމިކުރަނީ." ޝިއާން ވިދާޅުވިއެވެ.އިނގިރޭސިވިލާތާއި ޔޫރަޕްގެ ޤައުމުތަކުގައި ތަޢުލީމު އުނގެނުމަށާއި އެނޫންވެސް ބޭނުންތަކަށް ހަތްސަތޭކައެއްހާ ދިވެހިން އެޤައުމުތަކުގައި ދިރިއުޅެމުންގެންދެއެވެ. ދިވެހިންނަށް ޔޫރަޕްގެ ޤައުމުތަކަށް އެތެވުމަށް ބޭނުންވާ ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށް ސަފީރު ކުރިން ވަނީ ވިދާޅުވެފައެވެ. މިކަމުގެސަބަބުން ޔޫރަޕްގެ ޤައުމުތަކަށް ކިޔަވަންދާ ދިވެހިންގެ ޢަދަދު އިތުރުވެގެންދާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.