ރިޕޯޓް

"އިރިގޭޝަން" ޕްރޮގްރާމަށް މިމަހު މީހުން ހޮވާނެ


ރާއްޖޭގައި ކުރާ ދަނޑުވެރިކަން ޚަރަދުކުޑަ އަދި ފަސޭހަގޮތެއްގައި ކުރުމަށް ކުރިއަށްގެންދާ އިރިގޭޝަން ޕްރޮގްރާމަށް ކުރިމަތިލި މީހުންގެތެރެއިން ޝަރުޠުހަމަވާ މީހުން މިމަހުގެ ތެރޭގައި ހޮވާނެކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފިއެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ދިހަ ކައުންސިލަކުން ކުރިމަތިލާފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ. 

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަކީ ދަނޑުވެރިކަމުގެ މުހިންމު އެއް ޞިޔާސަތެވެ. މިސިޔާސަތުގެ ދަށުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދަނޑުވެރިކަމުގައި ބޭނުންކުރަން އެކަށީގެންވާ ފެންދޭ ސިސްޓަމްތަކުގެ މަޢުލޫމާތު ހޯދައި، ރާއްޖޭގެ ރަށްރަށަށް ތަޢާރަފް ކުރުން އެއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ކުރިއަށްގެންދާ މުހިއްމު އެއްޕްރޮގްރާމެވެ.

ފެންދޭ ނިޒާމު ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުން ނުވަތަ އިރިގޭޝަން ޕްރޮގްރާމަކީ ޚަރަދުކުޑަ އަދި ލުއި ފަސޭހަގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ ޒަމާނީ ނިޒާމެއްކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ. މިއަހަރު މި ޕްރޮގްރާ ކުރިއަށްގެންދިޔުމަށްޓަކައި ހުޅުވާލި ފުރުސަތުގައި 10 ކައުންސިލަކުން މިކަމަށް ކުރިމަތިލާފައިވާއިރު، މިމަސް ނިމުގެ ކުރިން މި ޕުރޮގްރާމް ކުރިއަށްގެންދެވޭނެ 2 ނުވަތަ 3 ރަށެއް ކަނޑައަޅައި ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް އެމިނިސްޓްރީން ބުނެއެވެ. 

އެގްރިކަލްޗަރ މިނިސްޓްރީން ބުނީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ކުރިއަރަމުން އައިކަމުގައި ވިޔަސް، ފާއިތުވި އަހަރު ތަކުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމަށްވެސް އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާކަން ފާހަގަ ކުރެވޭކަމަށެވެ. އެގޮތުން އިރުވައި މޫސުން ދިގުވެ، ގަސްތަކަށް ފެން ދިނުމަށް ގިނަ ޢަދަދަކަށް ބިމުން ފެން ނެގުމުގެ ސަބަބުން ޚާއްސަކޮށް ޕެޓްރޯލްޕަންޕް ފަދަ އާލާތްތައް ގިނަދަނޑުވެރިން އެއްފަހަރާ ބޭނުންކުރުމުން ބައެއް ރަށްރަށުގެ މީރުފެން ފަށަލަ ލޮނުވެ، ދަނޑުވެރިކަމުގައާއި އާންމު ދިރިއުޅުގައި ބޭނުން ކުރަން އެކަށީގެންވާ ވަރަށް ފެން ނުލިބުމުގެ  ދަތިކަން ރަށްރަށަށް ކުރިމަތިވާ މިންވަރު އިތުރުވަމުންދާކަމަށް އެމިނިސްޓްރީން ބުނެއެވެ. މިގޮތުން ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދާ އިރިގޭޝަން ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް، ރައްކާ ކުރެވިފައި ހުންނަ ފެންފޮދު ވީހާވެސް އިސްރާފް ކުޑަ ގޮތެއްގައި ބޭނުން ކުރެވޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށާއި ފެންބޭނުން ކުރުމުގައި ދަނޑުވެރިން ކުރިއަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން އިސްރާފްވެގެން ދާ ކާނާގެ މިންވަރު މަދުކުރުމަކީވެސް މި ޕްރޮގްރާގެ އެއް މަގުސަދެވެ.

މި ޕްރޮގްރާމު ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަރައްޤީ ކޮށްފައިވާ ތިމާވެއްޓާއި ރައްޓެހި، ފެން އިސްރާފުވުން ކުޑަ އަދި ބޭނުންކުރަން ފަސޭހަ ރާއްޖޭގެ މާހައުލާއި ގުޅޭ ފެންދޭ ނިޒާމްތަކެއް މިކަމަށް ޝައުޤުވެރިވާ ދަނޑުވެރިންނަށް ޤާއިމް ކޮށްދިނުމާއި، އެރަށެއްގެ ދަނޑުވެރިންނަށް ކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ތެރެއިން އެރަށެއްގެ ދަނޑުވެރިންނަށް ނަމޫނާ ދައްކައިދީ މިފަދަ ނިޒާމުތަކަށް ދަނޑުވެރިން އަހުލުވެރިކޮށް ޝައުގުވެރި ކުރުވުމެވެ. މީގެ ސަބަބުން ދަނޑުވެރި މަސައްކަތްތަކުގެ ތެރޭގައި އިސްރާފު ވެގެންދާ ފެނާއި ކާނާގެ މިންވަރު ކުޑަ ކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. 

މިހާތަނަށް މި ޕްރޮގްރާމް ލ. ގަމާއި ށ. ގޮއިދުއާއި ހދ. ވައިކަރަދުއާއި ކ. ކާށިދޫގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި 4 ރަށުގެ ޖުމަލް 50 ދަނޑުވެރިންގެ ދަނޑުގައި މި ނިޒާމބޭނުންކޮށްގެން ފެނާއި ކާނާދެވޭނެގޮތުގެ ސިސްޓަމެއް ވަނީ ގާއިމްކޮށްފައެވެ. މި ނިޒާމްގައި ގަސް އިންދަނީ އެކަމަށް ތައްޔާރުކޮށްފައިވާ ކޮތަޅުގައެވެ. އަދި ފެންދެނީ ކާނާއާއި އެކު ވަކި ގަޑިތަކެއްގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބިމުން ގަސްތަކަށް ޖެހޭ ބަލި މަދުވެ ފެނާއި ކާނާގެ ޚަރަދު ޖުމްލަގޮތެއްގައި ކުޑަވެ މަސައްކަތުގެ ވަގުތު މަދުވެއެވެ. 

މި ޕްރޮގްރާމްގެ ދަށުން ފެންދޭ ޕަންޕު ފިޔަވައި މިނިޒާމު ޤާއިމުކުރުމަށް ބޭނުންވާ އިރިގޭޝަން ސިސްޓަމާއި، ގިތެޔޮމިރުސް، ތޮޅިމިރުސް، ކެޕްސިކަމް، ސްވީޓް މެލަން މި ބާވަތްތަކުގެ ތެރެއިން ކޮންމެވެސް އެއްބާވަތެއްގެ 30އާއި 50އާ ދެމެދުގެ ގަސް މި އިންދާހެއްދުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިނިސްޓްރީން ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ފެން ޕަންޕް ފިޔަވައި ނިޒާމްގެ ފެންވަޔަރިންގް އަށް ބޭނުންވާ ހުރިހާސާމާނަކާއި ގާސްތަކަށް ބޭނުންވާ ކާނާ އާއި ބޭހާއި މުޑުވައް ހިމެނެއެވެ. މީގެ އިތުރުން މިކަމާއި ގުޅޭ ފަންނީ ތަމްރީނުވެސް މިނިސްޓްރީއިން ފޯރުކޮށްދެއެވެ.