ރިޕޯޓް

މުދާ އެތެރުކުރާ މިންވަރު ދެގުނައަށް އިތުރުވެއްޖެ


ރާއްޖެއަށް އެތެރެކުރާ މުދަލުގެ މިންވަރު ވޭރުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ދެގުނައަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ. 

އެމްޕީއެލްއިން މަޢުލޫމާތުދޭ ގޮތުގައި ވޭތުވެދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ އިމާރާތްކުރުމަށް ބޭނުންކުރާ މުދަލާއި ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި މި ނިސްބަތްވަނީ ފަންސާސް ހަތްހާސް ޓީއީޔޫ ކޮންޓެއިނަރުން، ސަތޭކަ ސަތާރަހާސް ޓީއީޔޫ ކޮންޓެއިނަރަށް އިތުރުވެފައެވެ. 

ރާއްޖެއަށް އެތެރެކުރާ މުދަލުގެ މިންވަރު އިތުރުވަމުން އަންނައިރު، އިތުރުވަމުންދާ މިންވަރާ އެކަށީގެންވާގޮތެއްގައި ޚިދުމަތްދެވޭވަރަށް ކެޕޭސިޓީ އިތުރުކުރުމަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަންތައް. އެގޮތުން ވޭތުވެދިޔަ އަހަރާހަމައަށް އެމްޕީއެލްގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމުގެ ސަބަބުން އެމްޕީއެލްއިން ދެމުން އަންނަ ޚިދުމަތްތައްވަނީ އެތައް ގުނައެއް ހަލުއިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ ރާބިޙް މުޙައްމަދު ވިދާޅުވީ ކަބޯތަކެތީގެ ޝިޕްމަންޓްފަދަ އަވަހަށް އަންލޯޑް ކުރަންޖެހޭ ކޮންޓެއިނާތައް ދުވަހުންދުވަހަށް ހުސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. އެގޮތުން މިފަދަ ބޮޑެތި ޝިޕްމަންޓްތައް އަވަހަށް އަންލޯޑް ކުރުމުގެ ސަބަބުން ޓްރެފިކް ބާރުކުޑަވެ ބަނދަރާއި ގުދަންތަކުގައި މުދާ ތޮއްޖެހުން މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ މީގެސަބަބުން މުދާ ގުދަނުގައި ބަހައްޓަންނުޖެހި ޑިސްޓްރިބިއުޝަން އަވަސްވެގެންދާކަމަށެވެ. މުދާ  ނެރުން އަބަސްވެ، މުދާ ރޯލްވާލެއް އަވަސްވުމަކީ މުދަލުގެ އަގު މައްޗައް ދިޔަނުދީ ހިފެހެއްޓޭ މުހިންމު ސަބަބެއްކަމަން ރާބިޙް ފާހަގަކުރެއްވިއެވެ.

"2013ވަނަ އަހަރުންފެށިގެން ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު މިވަނީ ދެގުނައަށް އިތުރވެފައި. އެގޮތުން ފަންސާސް ހަތްހާސް ޓީއީޔޫ ކޮންޓެއިނަރުން، ސަތޭކަ ސަތާރަ ޓީއީޔޫ ކޮންޓެއިނަރަށްވަނީ އިތުރުވެފައި. މިއީ ރާއްޖޭގައި ވިޔަފާރިތައް ފުޅާވެ އިޤްތިޞާދް ފުޅާވަމުން އަންނަކަމުގެ ހެއްކެއް." ރާބިޙް ވިދާޅުވިއެވެ.

ރާބިޙް ވިދާޅުވީ އެމްޕީއެލްއިން ދެމުންދާ ޚިދުމަތްތައް ފުޅާކޮށް މިހާރަށްވުރެ އަވަހަށް މުދާ ބޭލޭނެ ނިޒާމެއް ޤާއިމުކުރުމަށް މިއަހަރު ގިނަ ޕްރޮޖެކްޓްތަކެއް ބަޖެޓްކޮށްފައިވާކަމަށެވެ. އެގޮތުން ހުޅުމާލޭ ބަނދަރުގައި ކޮންޓެއިނާ އަންލޯޑްކުރުމަށް އިތުރު ޕެޑެސްޓަލް ކެރޭން ބެހެއްޓުމާއި، 144 ސްލޮޓް ހިމެނޭ ބޮންޑެޑް ވެއަރހައުސް ނުވަތަ ގުދަންނެއް ޤާއިމުކުރަންވެސް ހިމަނާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ތިލަފުށީ ޕޯޓް އިތުރަށް ތަރައްޤީކުރުމާ ގުޅޭ މަޝްވަރާތަކެއްވެސް ކަމާއިގުޅުންހުރި ފަރާތްތަކާއެކު ކުރަމުންދާކަމަށް ރާބިޙް ވިދާޅުވިއެވެ. އަދި އުޅަނދުތައް މަރާމާރުކުރާ ޔާޑެއްގެ މަސައްކަތްވެސް މިއަހަރު ފަށަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.