ޚަބަރު

ބޮޑެތި ބަލިތަކަށް ޒަކާތުފަންޑުން 14 މިލިއަން ރުފިޔާ ޚަަރަދުކުރި


ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް މިދިޔަ އަހަރު 14 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން އެހީދީފައިވަނީ ކިޑްނީގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ. އެގޮތުން މިދިޔަ އަހަރު އެފަދަ ބަލިތަކުގެ މީހުންނަށް އެހީވުމަށް 14 މިލިއަން ރުފިޔާ ދޫކުރައްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހުންގެތެރެއިން ފޯރުންތެރިކަން ނެތް ރައްޔިތުންނަށް ފަރުވާކުރުމުގައި ޒަކާތު ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމުގައި މާލީ ފުދުންތެރިންކަން ނެތް މީހުން އެހީއަށް އެދި އެމިނިސްޓްރީއަށް ހުށަހަޅުމުން އެކަން އޮންނަ އުސޫލުގެ ތެރެއިން ހަމަޖައްސައިދެމުން ގެންދާކަމަށެވެ.

ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން، މަތީތަޢުލީމް ޙާސިލްކުރުމުގެ ގޮތުން ސްކޮލަރޝިޕް ދޫކުރުމާއި، ތެލެސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ހެދުމަށް ބޭނުންވާ ކުދިންގެ ބޯންމެރޯ ހަދައިދިނުމަށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދެމުން ގެންދެއެެވެ. އެގޮތުން މިއަހަރުވެސް ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 32 ކުއްޖަކަށް ބޯންމެރޯ ހެދުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.