ޚަބަރު

އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީކޮށްދިނުމަށް އިންޑިއާއިން ހުށަހަޅައި








އުތުރު ތިލަފަޅު ނުވަތަ ސިފަވަރުގައި ޑޮކްޔާޑެއް ތަރައްގީކޮށްދިނުމަށް އިންޑިއާއިން ހުށަހަޅައިފިއެވެ. އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވަނީ، އިންޑިއާގެ ޗީފް އޮފް އަރމީ ސްޓަރފް ޖެނެރަލް ބިކްރާމް ސިންގ ރާއްޖެއަށް ކުރެއްވި ދަތުތުފުޅުގައިކަމަށް އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެއެވެ.  
 
އެމްއެންޑީއެފް އިންވެސް ވަނީ އެފަދަ މަޝްވަރާތަކެއް ކުރިއަށް ދިޔަކަން އެމްބީސީ ނިއުސްއަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ތަފްސީލް ފަހުން ހާމަކުރާނެކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.
 
 
އެނޫހުގައި އިތުރަށް ބުނެފައިވަނީ އަސްކަރީ އަދި ވިޔަފާރި އުޅަނދުފަހަރު އެޅޭނެ އިންތިޒާމްތަކާއި، އުޅަނދުފަހަރު މަރާމާތުކުރާނެ ވަސީލަތްތަށް ޑޮކްޔާޑުގައި ގާއިމުކޮށްދިނުމަށް އިންޑިއާއިން ހުށަހަޅާފައިވާކަމަށެވެ. އަދި ސިފައިން ދިރިއުޅޭނެ ހައުސިން ކޮމްޕްލެކްސްއެއް ވެސް އިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
 
 


އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ ފުރާވަޑައިގެންފައެވެ. ޖެނެރަލް ބިކްރަމް ސިންގ ގެ އެދަތުރުފުޅުގައި، ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. އެބައްދަލުކުރެއްވުންތަކުގައި، އަސްކަރީ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.