ސައުދީ ޕްރޯ ލީގުގައި އިއްޔެ އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އަލް ހިލާލް އިން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.
ލޯރަން ބްލޮކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އިއްތިހާދާއި ދެކޮޅަށް ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި އަލް ހިލާލް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްޒެންޑަރ މިޓްރޮވިޗް އެވެ.
ރިޔާދުގެ ޕްރިންސް ފައިސަލް ބިން ފަހަދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި އަލް ހިލާލަށް ލިބުނު ޕެނަލްޓީއަކުން މިޓްރޮވިޗް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ބްރެޒިލްގެ ފަބީނޯ އާއި ފްރާންސްގެ ކަރީމް ބެންޒޭމާ, އެންގޯލޯ ކާންޓޭ އަދި މޫސާ ޑިއާބީ އާއި ނެދަލޭންޑްސްގެ ބަރޖްވިން ފަދަ ކުޅުންތެރިން ހިމެނޭ އަލް އިއްތިހާދުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 37 ވަނަ މިނިޓްގައި އަލް ހިލާލްގެ ސާލިމް އަލް ދޮސާރީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި އަލް އިއްތިހާދުން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކަރީމް ބެންޒޭމާ އެވެ.
މި މެޗުން މޮޅުވުމާއެކު އަލް ހިލާލް އިންވަނީ މި ސީޒަނުގައި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ދަމަހައްޓާ މިހާތަނަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. އަލް އިއްތިހާދަށް ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު އޮތީ ހަތަރު މެޗުން 8 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގަ އެވެ.