ޚަބަރު

މަތީ ތަޢުލީމުގެ ހުރިހާ އިމްތިހާނަކުން %50 ފާސްވާންޖެހޭގޮތަށް ހަދަނީ


  • މި ބަދަލު ގެންނަނީ މަތީ ތަޢުލީމް ދޭ މަރުކަޒުތަކުގެ މަޝްވަރާއާއެކު

  • އެމްކިއުއޭގެ އެކްރިޑޭޝަން އުޞޫލަށް ވަރަށް އަވަހަށް ބަދަލުގެންނާނެ

މަތީ ތަޢުލީމް ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނުންތަކުން %50 ފާސްވާންޖެހޭގޮތަށް އެމްކިއުއޭގެ އެކްރިޑޭޝަން އުޞޫލަށް ބަދަލުގެނައުމަށް ނިންމައިފިއެވެ.

ރާއްޖޭގައި މަތީ ތަޢުލީމް ދިނުމަށް ގިނަ ކޮލެޖުތަކަކާއި ޔުނިވާސިޓީ ހިންގާއިރު ކުދިންގެ ފެންވަރު ކަނޑައަޅަނީ ކުދިން ހަދާ އިމްތިހާނުތަކާއި އެސައިމަންޓްތަކުންނެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ އެކްރިޑޭޝަން އުޞޫލަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެއޮތޯރިޓީގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓްތައް އެހެން މީހުން ލައްވާ ތައްޔާރުކުރުމަކީ މައްސަލައެއްކަމަށެވެ.

މިފަދަ މައްސަލަތަކަށް ހައްލެއް ހޯދިނުމުގެ ގޮތުން މަތީ ތަޢުލީމް މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އިމްތިހާންތަކުން %50 ފާސްވެގެން ނޫންގޮތެއްގައި އެ ކޯހުން ފާސް ނުވެވޭގޮތް ހެދުމަށް ނިންމާފައިވާކަމަށް ފިޒާނާ ވިދާޅުވިއެވެ. އަދި އެ އުޞޫލު ވަރަށް އަވަހަށް ގެޒްޓްކުރާނެކަމަށްވެސް ފިޒާނާ ވިދާޅުވިއެވެ. އެމްކިއުއޭގެ ސީއީއޯ ވިދާޅުވީ އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ މަތީ ތަޢުލީމްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށެވެ.

"50 އިންސައްތަ ކޮންޓްރޯލް އެގްޒާމުން ފާސްވެގެން ނޫނިއްޔާ ފާސްނުވާގޮތަށް ހަދައިފިނަމަ އެސައިމަންޓްގެބައި ކުޑަވެގެންދާނެކަމަށް ޤަބޫލުކުރެވޭ. އެސައިމަންޓް ގަތުމުގެ ބައިވެސް ކުޑަވެގެންދާނެ." އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވިއެވެ.

މަތީ ތަޢުލީމް ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުން ހަދަން ދޭ އެސައިމަންޓަށް %40 އިން ފެށިގެން %70 އާ ހަމަޔަށް މާކްސް ދެއެވެ. އަދި އެއްވެސް އިމްތިހާނަކާ ނުލައި %100 އެސައިންމަންޓުން ކުއްޖާ ފާސްވާ މާއްދާތައްވެސް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދެއެވެ. މީގެ ނަތީޖާއަކީ އެހެން މީހެއްލައްވައި އެސައިންމަންޓް ހަދައިގެން މަތީތައުލީމްގެ ސަނަދު ހޯދުމެވެ. އެހެންކަމުން %100 އެސައިންމަންޓުން ފާސްވާ މާއްދާތަކުގެ ކޯސްތަކަށް ހުއްދަދިނުން މިހާރު ވަނީ ހުއްޓާލާފައެވެ.

"މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ" ޤަވާއިދުގައިވަނީ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެއްކަމަށެވެ.

އެކަމުގެ ޢަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާކޮށް އެ ދަރިވަރަކު ކިޔަވަމުން ދާ މަރުކަޒަކުން އެކަމާމެދު އަޅަން ބޭނުންވާ ފިޔަވަޅެއް އެޅޭނެކަމަށް ޤަވާއިދުގައިވެއެވެ.