ޚަބަރު

ޖީއެމްއާރުން ދެވަނަ ރަންވޭއެއް އެޅުމުގެ ޕްލޭނެއް ނެތް - ސަޢީދު


ޖީއެމްއާރުން އެއަރޕޯޓު ތަރައްޤީކުރުމަށް ކުރި މަސައްކަތްތަކަށް ބަލާއިރު، އެއަރޕޯޓުގައި ދެވަނަ ރަންވޭއެއް އެޅުމުގެ ޕްލޭނެއް ނެތްކަން ހާމަވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ފާތިމަތު އިބްރާހިމް މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި މިރޭ ބޭއްވި ޚަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ މި ސަރުކާރުން އެއަރޕޯޓުގައި މިހާރު އަޅަމުންދާ ދެވަނަ ރަންވޭ ތަރައްޤީކުރާ ސަރަޙައްދަކީ ޖީއެމްއާރުން ޓަރމިނަލެއް އެޅުމަށް މަސައްކަތް ފަށާފަ އޮތް ސަރަޙައްދު ކަމަށެވެ. ޖީއެމްއަރުން ހަދާފައިވާ ޕްލޭނަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ ބިން ކުޑަ އެއަރޕޯޓެއްގައި ދެވަނަ ރަންވޭއެއް އެޅުމަށް އޮތް ފުރުސަތު އެޕްލޭނުން ނެތިގެންދާ ކަމަށެވެ.



މި ޚަފްލާގައި އޮކޮނޮމިކް މިނިސްޓަރ ސަޢީދު ވަނީ ރާއްޖެއަށް އަންނަމުންދާ ތަރައްޤީއަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގައި ޑޮލަރު އަގު ހެޔޮ ނުވާ މިންވަރަކަށް މި ސަރުކާރު އައި ފަހުން ޑޮލަރުގެ އަގު ހެޔޮވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ކަމަށާއި ރެކޯޑް އަދަދަކަށް ރާއްޖޭގެ ވަޒީފާގެ ބާޒާރު ތިޔާގިވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ތަރައްޤީކުރާ އެއަރޕޯޓާއި ގުޅޭގޮތުން ވާހަކަދައްކަވުން މިނިސްޓަރ ސަޢީދު ވިދާޅުވީ މިއަހަރުގެ ޖުލައި ނުވަތަ އޮގަސްޓު މަހު އެރަށުގެ އެއަރޕޯޓަށް ފްލައިޓްތައް ދަތުރު ފަށާނެ ކަމަށެވެ. އަދި ކުޅުދުފުއްޓަށް ފަތުރުވެރިކަންވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.