ހަތަރު އަހަރު

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ މަސައްކަތް އަންނަ މަހު ނިމޭމެ


ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތް އަންނަ ފެބްރުއަރީ މަހު ނިންމާނެކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ބުނެފިއެވެ. އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ ކޯޒްވޭ ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާފައިވާކަމަށެވެ.

މަޑަވެއްޔާއި ހޯޑެއްދުއާއި ދެމެދު ތަރައްޤީކުރާ މިމަގު ތަރައްޤީކުރަނީ ވެލި މަގެއްގެ ގޮތުގައެވެ. މިގޮތަށް މަގު ތަރައްޤީކުރަން ނިންމާފައިވަނީ އެ ދެ ރަށުގައި ބޭނުންކުރާ އެއްގަމު އުޅަނދުތަކުގެ ބާވަތްތަކާއި އާބާދިއަށް ބެލުމަށްފަހު ކަމަށް އެމްޓީސީސީން ބުނެއެވެ. ހުޝާމް ވިދާޅުވީ މަގުގެ ދަށުން އޮއި ދަތުރުކުރާ ގޮތް ހެދުމަށް ޖަހާ ކަލްވަޓް ޖެހުމުގެ މަސައްކަތް މިހާރު ނިމުމާއި ގާތްވެފައިވާކަމަށެވެ. އޮއި ދަތުރުކުރާ ގޮތް ހެދުމަށް ހަ ކަލްވަޓްވަނީ ޖަހާފައެވެ. މީގެއިތުރުން މަގު ހެދުމަށް ހިއްކާފައިވާ ބިމުގެ ވެލިގަނޑު ހިފެހެއްޓުމަށްޓަކައި މަގުގެ ދެ އަރިމަތީގައިޖަހާ ރިވެޓްމަންޓް ނުވަތަ ސިމެންތި ބަސްތާތައް ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. 

އެމްޓިސީސީއިން ގެންދަނީ މަޑަވެލީގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ބަނދަރުތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، ކޯޒްވޭއާއިއެކު ފެބްރުއަރީމަހު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާނެކަމަށް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވިއެވެ.

މަޑަވެލީގެ ޢާބާދީގައި ދެހާހާއި ގާތްކުރާ ޢަދަދަކަށް މީހުން އުޅޭމުން އަންނައިރު ހޯޑެއްދުގެ ޢާބާދީއަކީ ބާރަ ސަތޭކައާއި ގާތްކުރާ ޢަދަދެކެވެ. 

މަޑަވެލި ހޯޑެއްދޫ ގުޅާލާ މަގުގެ މަސައްކަތް ކުރުމަށް އެސަރަހައްދުގެ ފަޅުންވަނީ 3.5 ހެކްޓަރުގެ ބިން ހިއްކާފައެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2016ވަނަ އަހަރުއެވެ.