ޚަބަރު

ރައީސްގެ އަނބިކަނބަލުން ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަބަލުން ފާތުމަތު އިބްރާހީމްގެ މި ދަތުރުފުޅަކީ އެކަމަނާ ފައްޓަވާފައިވާ 'އެންމެ ގާތުން' ކެމްޕެއިންގެ ދަށުން އަތޮޅުތަކުގެ ރައްޔިތުންގެ ހާލު ބައްލަވާ އެބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ހދ. ކުޅުދުއްފުށީގެ އިތުރުން އެ އަތޮޅު ނޮޅިވަރަންފަރު އަދި ނޮޅިވަރަމަށްވެސް ވަޑައިގަންނވާނެއެވެ. އެގޮތުން ހދ. ނޮޅިވަރަންފަރު އަދި ނޮޅިވަރަށް އެކަމަނާ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.

ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ހދ. ކުޅުދުއްފުޓަށް ވަޑައިގަތުމުން އެކަމަނާއަށް އެރަށުން ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އެގޮތުން އެރަށު ބޮޑު މަގަށް އެކަމަނާއަށް މަރުޙަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވިކަން ފާހަގަކޮށްލެވެއެވެ. އަދި ރައީސްގެ އަނބިކަބަލުންނަށް މަރުޙަބާ ދެންނެވީ ސަޤާފީ ހަރަކާތްތަކާވެސް އެކުގައެވެ.

ރައީސްގެ އަނބިކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި އެރަށު ހޮސްޕިޓަލް އަދި ސްކޫލަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

'އެންމެ ގާތުން' ކެމްޕެއިންގެ ދަށުން ހުސްވި ހަފްތާގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން ވަނީ އއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލަކު އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.