ސިއްހަތު

ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ


ސުޕަރ ސްޕެޝަލިޓީ ހިދުމަތްތަކާއެކު ރާއްޖޭގައި ހުޅުވާ ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލް، ޓްރީޓޮޕުން ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެކަމަށް ހޮސްޕިޓަލުން ބުނެފިއެވެ. ޓްރީޓޮޕް ހުޅުވުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު، މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދަނީ އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތެވެ.

ތަރައްޤީގެ އެތައް މަޝްރޫއަކާއެކު ސިޓީއެއްގެ ކުލަ ހުޅުމާލޭގައި ޖެހެންފަށާފައިވާއިރު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙިދުމަތްތައް އަންނަނީ ދުވަހެއް ދުވަހަކަށް ފުޅާވެ، ކުރިއަރަމުންނެވެ. އެގޮތުން މިވަގުތު އެންމެ ހަލުވި މިނުގައި ކުރިއަށްދާ އެއް މަޝްރޫޢަކީ ހުޅުމާލޭގައި އިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މަސައްކަތެވެ. މިއީ ޓަރޝަރީ ފެންވަރުގައި ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ހޮސްޕިޓަލެވެ. ސުޕަރ ސްޕެޝަލިޓީ ހިދުމަތްތަކާއެކު ތަރައްޤީކުރާ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. އަދި މިއީ ބޭރުގެ ކުންފުންޏަކުން މެނޭޖްކޮށްގެން ރާއްޖޭގައި ހިންގާ ފުރަތަމަ ހޮސްޕިޓަލްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލް ހިންގުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާ އަދި އޮސްޓްރޭލިއާގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށްވާ ރެމްސޭ ސިމް ޑާރބީއާއެވެ.

img:http://s2.psmnews.mv/images/660x400/15161807655464.jpg|ޓްރީޓޮޕް ހޮސްޕިޓަލް / ދެ މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ

މި ހޮސްޕިޓަލް ފަރުމާކޮށްފައިވަނީ ސިއްހީ ހިދުމަތްތައް ދިނުމަށް ހާއްސަ 6 ބުރީގެ ޢިމާރާތާއި، ސަޕޯޓް ބިލްޑިންގގެ ގޮތުގައި އެކޮމަޑޭޝަންގެ އިންތިޒާމްތަކަށް ޚާއްޞަކޮށްގެން 8 ބުރީގެ އިމާރާތަކާއެކުއެވެ. މި ދެ އިމާރާތުގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާއިރު، ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްސްތައް އިންސްޓޯލްކޮށް، އެތަކެތި ކޮމިޝަން ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީ.އީ.އޯ ގްރާންޓް މަޑަލް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ހޮސްޕިޓަލް ހުޅުވުމަށްޓަކާ އިދާރީގޮތުން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްކަމަށެވެ. އެގޮތުން ހޮސްޕިޓަލަށް ބޭނުންވާ ސްޓާފުން ރެކްރޫޓްކުރުމާއި، އެމީހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ގްރާންޓް ވިދާޅުވިއެވެ. އަދި އަމާޒަކީ ކުރިއަށް އޮތް 2 މަހުގެ ތެރޭގައި ހޮސްޕިޓަލް ހުޅުވާ އާއްމުންނަށް ހިދުމަތް ދިނުންކަމަށްވެސް ގްރާންޓް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15161807527736.jpg|ޓްރީޓޮޕް ހޮސްޕިޓަލް / ދެ މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ

ގްރާންޓް ވިދާޅުވީ، އެ ހޮސްޕިޓަލްގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހެޔޮ އަގެއްގައި އާއްމު ރައްޔިތުންނަށް ހިދުމަތް ދިނުންކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންޝިއުރެންސް ކުންފުނިތަކާއެކު މިހާރުވެސް މަޝްވަރާކުރަމުންދާކަމަށް ގްރާންޓް ވިދާޅުވިއެވެ. އަދި މި ހޮސްޕިޓަލް ހުޅުވިގެންދާއިރު، މިތަނުން އާސަންދައާއި، އެލައިޑް އިންޝިއުރެންސްގެ އިތުރުން އަމަނަ ތަކަފުލްގެ ކަވަރޭޖްވެސް ލިބިގެންދާނެކަމުގެ ޔަޤީންކަން ގްރާންޓް ވަނީ ދެއްވާފައެވެ.

img:http://s3.psmnews.mv/images/660x400/15161807787228.jpg|ޓްރީޓޮޕް ހޮސްޕިޓަލް / ދެ މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭނެ ބައެއް މުހިއްމު ޚިދުމަތްތަކަށް ބަލާއިރު، ސްޕެޝަލިސްޓުންގެ ޚިދުމަތް، އިމޭޖިން ސެންޓަރގެ ޚިދުމަތް، ޑަޔަލިސިސް ސެންޓަރގެ ޚިދުމަތް އަދި ލެބޯރަޓޮރީގެ ޚިދުމަތް ހިމެނެއެވެ. އަދި ސުޕަރ ސްޕޭޝަލިޓީ ޚިދުމަތްތަކުގެ ގޮތުގައި ހިތުގެ ބަލީގެ އެކި ކަހަލަ އޮޕަރޭޝަންތައް ކުރުމާއި، ކެންސަރު ބަލީގެ މީހުންނަށް ކީމޯތެރެޕީގެ ފަރުވާދިނުން ހިމެނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވާއިރު 315 ސްޓާފުން ތިބިނަމަވެސް، ހޮސްޕިޓަލްގެ ހުރިހާ އޮޕަރޭޝަންތަކެއް ފުރިހަމަވެގެންދާއިރު ގާތްގަނޑަކަށް 700 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ