ކުޅިވަރު

ބަޓިޝް، އަލީ އާމިރު، ޝާއިން އެއްބަސްވުމުގައި ސޮއެއް ނުކުރި


ޤައުމީ ޓީމްގެ ކުޅުންތެރިންގެ ކޯޑްއޮފް ކޮންޑަކްޓްގައި އިޝާން މުހައްމަދާއި، އަލީ އާމިރު އަދި މުހައްމަދު ޝާއިން ސޮއި ނުކުރުމުން އެކުޅުންތެރިންނަށް ޤައުމީ ވޮލީ ޓީމުން ފުރުޞަތު ނުދޭން ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމައިފިއެވެ. 

އެސޯސިއޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޓެންޑް މުހަމައްދު ރަނޭޝް ވިދާޅުވީ މިއަހަރު ޤައުމީ ޓީމަށް ކުޅެވޭނީ ކޯޑް އޮފް ކޮންޑަކްޓްގައި ސޮއިކުރާ ކުޅުންތެރިންނަށްކަމަށެވެ. ސޮއި ކުރިނަމަވެސް ޤައުމީ ޓީމަށް އެރޭނީ ކޯޑްއޮފް ކޮންޑަކްޓްގައި ހިމެނޭ ކަންތައްތައް ފުރިހަމަ ކުރާ ކުޅުންތެރިންނަށްކަމަށް ރަނޭޝް ވިދާޅުވިއެވެ. ރަނޭޝް ވިދާޅުވީ މި ތިން ކުޅުންތެރިންގެ އިތުރުން މުހައްމަދު އަހުސަންވެސް ކޯޑްއޮފް ކޮންޑަކްޓްގައި ސޮއިކޮށްފައިނުވާކަމަށެވެ. ނަމަވެސް ހޯމަ ދުވަހުގެ ވަގުތެއްގައި އަހުސަން ވަނީ ކޯޑްއޮފް ކޮންޑަކްޓްގައި ސޮއިކުރަން ބޭނުންވާކަމަށް ބުނެ އެސޯސިއޭޝަނަށް ސިޓީއެއް ފޮނުވާފައެވެ. އަހުސަންގެ ސިޓީއަށް ގޮތެއް ނިންމާނީ އެސޯސިއޭޝަންގެ އިސްވެރިންގެ މެދުގައި މަޝްވާރާ ކުރުމަށްފަހު ކަމަށް ރަނޭޝް ވިދާޅުވިއެވެ. 

ކުރިއަށް އޮތް ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް އިއްޔެ ފަރިތަކުރުންތަށް ފެށި ޤައުމީ ވޮލީ ޓީމްގެ ކޯޗް މުހައްމަދު ސާޖިދު ބުނީ ސޮއިނުކޮށް ތިބި ހަތަރު ކުޅުންތެރިންނަކީވެސް ޤައުމީ ޓީމަށް މުހިންމު ކުޅުންތެރިންތަކެއްކަމަށެވެ. ނަމަވެސް އެސޯސިއޭޝަނުން ގައުމީ ޓީމަށް ކުޅުމަށް މަޖްބޫރު ނުކުރާނެކަމަށެވެ. ގިނަ ޒުވާން ކުޅުންތެރިންތަކަކާއެކު ފަރިތަކުރުންތައް ފެށުމަށްފަހު މުހައްމަދު ސާޖިދު ބުނީ ޓީމަށް އަރާނީ ކުޅޭ ހިތުން ކުޅޭ ކުޅުންތެރިންކަމަށެވެ.

"މިފަހަރު ގައުމީ ޓީމަށް ކުޅޭނީ ކުޅޭ ހިތުން ކުޅޭ ކުޅުންތެރިން. އެއްވެސް މަޖުބޫރުކަމެއް ނޯންނާނެ. ކޯޑްއޮފް ކޮންޑަކްޓްގައި ސޮއި ނުކުރާ ކުޅުންތެރިންނަށް ގެއްލިގެން އެދިޔައީ ވަރަށް ރަނގަޅު ފުރުސަތެއް، ޤައުމަށް ކަމެއް ކޮށްދިނުމުގެ ފުރުސަތު އެ ގެއްލުނީ. ކޯޑްއޮފް ކޮންޑަކްޓަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާނަން. ޓީމަށް އަރަން ބޭނުންވާނަމަ، އެއަށް ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭނެ. އަހުލާގު ވަކި ގޮތަކަށް ބަހައްޓަން ޖެހޭނެ، ފަރިތަކުރުންތަކަށް ވަކިވަރަކަށް ހާޒިރުވާން ޖެހޭނެ އަދި ރާއްޖެއިން ބޭރުގައިވެސް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނެ. މިކަހަލަ ބައިތަކެއް ހުންނާނީ އޭގައި." ކުރީގެ ޤައުމީ ކެޕްޓަން ބުންޏެވެ.

މީގެ ކުރިންވެސް ވޮލީ ބޯލް އެސޯސިއޭޝަނުން ވަނީ ފަރިތަކުރުންތަކުގައި ބައިވެރިނުވާ ކުޅުންތެރިން ޤައުމީ ޓީމުން ބާކީކޮށްފައެވެ.