ޚަބަރު

ކުޅުދުއްފުށީ މަގުތައް މާރޗްމަހުގެ ތެރޭ ނިމޭނެ - އެމްއާރުޑީސީ


ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢު އަންނަ މާރޗްމަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްއާރުޑީސީން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ އަށާރަ މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހަތް މަގެއްގައި ތާރު އެޅުމުގެ މަސައްކަތްވަނީ ނިމިފައެވެ.

ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު އޭގެތެރޭގައި ހިމެނޭ ބޮޑެތި ރަށްރަށުގެ މަގުހެދުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މަސައްކަތް ކުރިއަށް ދާ ބޮޑެތި ރަށްރަށުގެ ތެރެއިން އެމްއާރުޑީސީން މިވަގުތު އެންމެ ބާރަށް މަސައްކަތް ކުރަމުންދާ އެއްރަށަކީ ހދ.ކުޅުދުއްފުއްޓެވެ. 

މި މަޝްރޫއުގެ އެންމެފަހުގެ މައުލޫމާތުތައް ޕީއެސްއެމް ނިއުސްއާ ޙިއްސާ ކުރަމުން އެމްއާރުޑީސީގެ ކުޅުދުއްފުށީ ސައިޓް މެނޭޖަރ މުޙައްމަދު ހަސަން ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޓަށް ބަލާއިރު އަންނަ މަރޗްމަހުގެ މެދުތެރޭގައި މި މަޝްރޫއުގެ ދަށުން ތާރު އެޅުމަށް ހަމަޖެހިފައިވާ ހުރިހާ މަގެއްގައި ތާރުއަޅާ ނިންމާލެވޭނެ ކަމަށެވެ.  

މުޙައްމަދު ހަސަން ވިދާޅުވީ މަގުތަކާ ގުޅޭގޮތުން ރައްޔިތުންދޭ ޚިޔާލުތަށްވެސް އެކުންފުނިން ބަލައިގަންނަ ކަމަށެވެ. ބާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅުމުގެ މަޝްރޫޢުގެ ދަށުން ފަހެއް ޕޮއިންޓް އަށެއް ކިލޯމީޓަރުގައި ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށް އެމްއާރްޑީސީން މަޢުލޫމާތުދެއެވެ. މިމަގުތައް ހަދާ ނިމުމުން ރައްޔިތުންނަށް ހިނގާބިނގާވެ އުޅުމަށާއި، ވެހިކަލް ދުއްވުމުގައި ލުއިފަސޭހަ ވެގެންދާނެއެވެ.