ދުނިޔެ

ޤަތަރުން ޔޫއޭއީގެ ފްލައިޓްތަކަކަށް ހުރަސް އަޅައިފި


ޤަލްފުގެ ޤައުމުތަކާއި ޤަތަރާ ދެމެދު އޮތް މައްސަލަގަނޑު އަނެއްކާވެސް ބޮޑުވެއްޖެއެވެ. މިފަހަރު މައްސަލަ ބޮޑުވީ ޤަތަރުގެ އަސްކަރީ މަތިންދާބޯޓުތަކަކުން ޔޫއޭއީއަށް ނިސްބަތްވާ ކޮމާޝަލް ދެ މަތިންދާބޯޓަކަށް ހުރަސް އެޅުމާ ގުޅިގެންނެވެ. ޤަތަރުން މިކަން ދޮގުކުރާއިރު، ޤަތަރުން ބުނަނީ ޔޫއޭއީގެ އަސްކަރީ މަތިންދާބޯޓުތަކުން ޤަތަރުގެ ވައިގެ ސަރަޙައްދު ހުއްދަ ނުހޯދައި ބޭނުންކުރަމުންދާކަމަށެވެ. ޔޫއޭއީން މިކަން ދޮގުކުރެއެވެ.

ޔޫއޭއީގެ އޭވިއޭޝަން އޮތޯރިޓީން ބުނީ އެޤައުމުގެ ކޮމާޝަލް މަތިންދާބޯޓުތަކަށް ޤަތަރުގެ އަސްކަރީ ބޯޓުތަކުން ހުރަސް އެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ހިންގި ނުރައްކާތެރި އަމަލެއްކަމަށެވެ. ޙަބަރުތައް ބުނާގޮތުން ޤަތަރުގެ އަސްކަރީ ބޯޓުތަކުން ހުރަސް އަޅާފައިވަނީ ބަހްރޭނަށް ދަތުރުކުރަމުންދިޔަ ދެ މަތިންދާބޯޓަކަށެވެ.

img:http://s2.psmnews.mv/images/660x400/14702277647040.jpg|އެމިރޭޓްސް އެއަރލައިންގެ މަތިންދާބޯޓެއް - ޤަތަރުގެ އަސްކަރީ ބޯޓުތަކުން އެމިރޭޓްސްގެ ފްލައިޓްއަކަށް ހުރަސް އެޅިކަމަށްވޭ

މިކަމާއި ގުޅިގެން ބަހްރޭނުން ބުނެފައިވަނީ، މިފަދަ ކަންކަން ޤަތަރުގެ ފަރާތުން ތަކުރާރުވަމުން އަންނަކަމަށާއި މިއީ އާޢްމު ރައްޔިތުންނަށްވެސް ހުރި ބޮޑު ނުރައްކަލެއްކަމަށެވެ. ނަމަވެސް ޤަތަރުގެ ފޮރިން މިނިސްޓްރީން، ޔޫއޭއީއާއި ބަހްރެއިންގެ ތުހުމަތުތައް ދޮގުކުރެއެވެ.

މިމައްސަލަ ކުރިމަތިވެފައި މިވަނީ ޔޫއޭއީގެ އަސްކަރީ މަތިންދާބޯޓުތަކުން ޤަތަރުގެ ވައިގެ ސަރަޙައްދު ހުއްދަނުހޯދައި ބޭނުންކުރާކަމަށްބުނެ އދގެ ސަލާމަތީ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް ޔޫއޭއީން ބުނީ ޤަތަރުން ދައްކަނީ ހަމަނުޖެހޭ، ދޮގު ވާހަކަތަކެއްކަމަށެވެ.

ޤަލްފުގެ ޤައުމުތަކުން މިދިޔަ އަހަރު ވަނީ ޤަތަރާއެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. އެޤައުމުތަކުން ތުހުމަތުކުރާ ގޮތުގައި ޤަތަރުން ދަނީ ޓެރަރިސްޓުންނަށް ވާގިވެރިވަމުންނެވެ. އަދި ގަލްފު ސަރަޙައްދުގެ ހަމަޖެހުން ނަގާލުމަށް ޤަތަރުން ޢީރާނާއެކު މަސައްކަތްކުރާކަމަށްވެސް އެޤައުމުތަކުން ތުހުމަތުކުރެއެވެ.