ދުނިޔެ

13 ދަރިން ބަންދުކޮށްގެން ގެންގުޅުނު ދެމަފިރިއަކު ހައްޔަރުކޮށްފި


13 ދަރިން ގޭގައި ބަންދުކޮށްގެން ގެންގުޅުނު ދެމަފިރިއަކު އެމެރިކާގެ ކެލިފޯނިއާއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކެލިފޯނިއާގެ ޕެރީޒް ސިޓީގައި މި ދެމަފިރިން އުޅޭ ގޭގައި އެމީހުންގެ 13 ދަރިން ބަންދުކޮށްގެން ގެންގުޅެފައިވަނީ ޗޭނާއި ތަޅު އަޅުވައިގެންކަމަށެވެ. އަދި އެކަން ފުލުހުންނަށް އެނގުނީ، އޭގެ ތެރެއިން 17 އަހަރުގެ އަންހެން ކުއްޖަކު މިދިޔަ އާދީއްތަދުވަހު ފިލައިގެން ނިކުމެ ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކުދިންތައް ފެނުނުއިރު، އޭގެ ތެރެއިން ބައެއް ކުދިން ތިބީ ގޭތެރޭގައި އެނދުތަކުގައި ޗޭނާއެކު ތަޅު އަޅުވާފައިކަމަށެވެ. އަދި ގޭތެރެއިން ނުބައި ވަސް ދުވާއިރު، ކުދިންތައް ތިބީ ވަރަށް ހާލު ދެރަކޮށްކަމަށް ފުލުހުން ބުނެއެވެ. އަދި 13 ކުދިންގެ ތެރޭގައި އުމުރުން 2 އަހަރުން ފެށިގެން 29 އަހަރާ ދެމެދުގެ އަންހެން ކުދިންނާއި ފިރިހެން ކުދިން ތިބިކަމަށްވެސް ފުލުހުން ބުންޏެވެ.

img:http://s1.psmnews.mv/images/660x400/15161024030065.jpg|ދަރިން ބަންދުކޮށްގެން ގެންގުޅުނު ދެމަފިރިން / 13 ދަރިން ބަންދުކޮށްގެން ގެންގުޅުނީ ކިހާ ދުވަހެއް ވަންދެން ކަމެއް ނޭނގޭ

ރަސްމީ ލިޔެކިއުންތައް ދައްކާގޮތުން 2010 ވަނަ އަހަރު ކެލިފޯނިއާއަށް ބަދަލުވުމުގެ ކުރިން މިޢާއިލާ އުޅެފައިވަނީ ޓެކްސަސްގައެވެ. އަދި އެކުދިންގެ ބައްޕަ ދެ ފަހަރެއްގެ މަތިން ބެންކްރަޕްޓް ވެފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ. ބެންކްރަޕްޓްވުމުގެ ކުރިން އޭނާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއްގައި އުޅުނު މީހެއްކަމާއި ނަމަވެސް ދަރިން އިތުރުވުމުން ޙަރަދުތައް އިތުރުވެގެން ދިޔަކަން ލިޔެކިއުންތަކުން އެނގެއެވެ.

އެކުދިންގެ ބައްޕަ ފަރާތު މާމަ އާއި ކާފަ ދީފައިވާ ބަޔާންތަކުގައި، އެމީހުންނާ އެޢާއިލާއާ ދިމާނުވާތާ ހަތަރު ވަރަކަށް އަހަރުވެފައިވާކަމަށް ބުނެފައިވެއެވެ.

އެޢާއިލާގެ ފޭސްބުކް ޕޭޖުން ފެންނަ ގޮތުގައި ދެމަފަރިން ވަނީ އެމީހުންގެ ކުދިން ގޮވައިގެން ޗުއްޓީތަކަށް އެކި ތަންތަނަށް މީގެ ކުރިން ޒިޔާރަތްކޮށްފައެވެ. އެފޮޓޯތަކުން ކުދިންގެ މޫނުން ހިނިތުންވުން ފެންނައިރު، އެފޮޓޯތަކަށް އާއިލާއާއި ގާތްމީހުން ކޮމެންޓްވެސް ކޮށްފައި ހުރެއެވެ.

img:http://s4.psmnews.mv/images/660x400/15161024399831.jpg|13 ދަރިން ބަންދުކޮށްގެން ގެންގުޅުނު ގެ / އެޢާއިލާއަށް ކެލިފޯނިއާއަށް ބަދަލުވީ 2010 ވަނަ އަހަރު

އެހިސާބުގަނޑުގައި ދިރިއުޅޭ މީހުން ބުނާގޮތުން ދެމަފިރިންނާއި ކުދިން އުޅުނު ގޭތެރެއިން އާދަޔާ ޚިލާފުކަމެއް އެމީހުންނަށް މީގެ ކުރިން ފާހަގައެއްނުވެއެވެ. ބައެއް މީހުން ބުނާގޮތުން އެގޭ ކުދިން އެއްވެސް ވަރަކަށް ބޭރަށް ނިކުމެ އުޅޭތަނެއް ނުފެނެއެވެ. އެކުދިން މަދުން ނަމަވެސް ފެނުނު ބައެއް މީހުން ބުނާގޮތުން، އޭގެއިން ކުއްޖަކަށް ގޮވާލިޔަސް ފެންނަ ކަމަކަށް ނުހަދައެވެ.

ގޭތެރޭގައި ބަންދުކޮށްގެން ގެންގުޅުނު 13 ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެކުދިންގެ މައިންބަފައިން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އަންނަ ބުރާސްފަތިދުވަހު އެމީހުން ކޯޓަށް ގެންދާނެއެވެ. ނަމަވެސް އެކުދިން ބަންދުކޮށްގެން ގެންގުޅެފައިވަނީ ކިހާ ދުވަހެއް ވަންދެންކަމަށާއި އަދި އެއީ ކީއްވެގެން ކުރިކަމެއްވެސް އަދި ނޭނގެއެވެ.