ޚަބަރު

އައިޑަލް ސީޒަން ތިނެއްގެ ފިޓްނަސް ޕާރޓްނަރަކަށް "ޓީ.އެފް.ޖީ"


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ފިޓްނަސް ޕާރޓްނަރަކަށް ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޕީ.އެސް.އެމްގެ ޓީވީ ބިލްޑިންގ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފުއެވެ. ޓީ.އެފް.ޖީ ގެ ފަރާތުން ސޮއިކުރީ، ސީ.އީ.އޯ ހުސެއިން ޒިނާންއެވެ.

މިއެއްބަސްވުމުގެ ދަށުން އައިޑަލް ސީޒަން 3 ގެ ބައިވެރިންނާއި، ޖަޖުން އަދި ޕްރެޒެންޓަރުން ދުޅަ ހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ދޭންޖެހޭ އިރުޝާދުތަކާއި އެކު ކަސްރަތު ކުލާސްތައް ހިންގާނެއެވެ.  

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކަސްރަތުކުރުމާއި ފިޓްނަސްކަންކަމުގައި އާންމުން ހޭލުންތެރިކުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ. އެގޮތުން ތަފާތު ޕްރޮގްރާމްތައް ޓީއެފްޖީއާއި ގުޅިގެން ޓީ.ވީއާ ރޭޑިއޯ މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާކަން އިކްރާމް ފާހަގަކުރެއްވިއެވެ.

ޓީ.އެފް.ޖީގެ ސީ.އީ.އޯ ހުސެއިން ޒިނާން ވިދާޅުވީ އައިޑަލް ސީޒަން ތިނެއްގެ ފިޓްނަސް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީ ވަރަށް ބޮޑު އުންމީދަކާއެކު ކަމަށެވެ. އަދި އައިޑަލްގެ ތެރެއިންނާއި، ޕީ.އެސް.އެމްއާއި ގުޅިގެން ރަނގަޅު ހަރަކާތްތަކެއް އާންމުންނާއި ހަމައަށް ގެނެސްދޭނެކަަމަށް ޒިނާން ވިދާޅުވިއެވެ.

މޯލްޑިވިއަން އައިޑަލްގެ ކުރީގެ ދެ ސީޒަންގެ ކާމިޔާބީއަށްފަހު ސީޒަން ތިނެއް އާންމުންނާއި ހަމައަށް ގެނެސްދިނުމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ މަސައްކަތްކުރަމުން. އެގޮތުން އޮޑިޝަންތައް ނިމި ޝޯތައް ވަރަށް އަވަހަށް ދަންކަން ފަށާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.