ކުޅިވަރު

ނިޔާ ގްރީން ސްޓްރީޓްސްއަށް


ތަޖުރިބާކާރު މިޑްފީލްޑަރ އަހުމަދު ނިޔާޒު ކުލަބް ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ. 

މިދިޔަ ސީޒަންގައި ވިކްޓްރީ ސްޕޯރޓްސް ކުލަބުން ސީޒަން ފެށިނަމަވެސް އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ވިކްޓްރީއަށް ޖާގަ ނުލިބުމުން ދިވެހި ޕްރިމިއާރ ލީގާއި، ޕްރެޒިޑެންޓްސްކަޕްގައި ނިޔާ ކުޅުނީ ތިނަދޫ ޓީމަށެވެ. ތިނަދޫ ޓީމަށް ބަދަލުވެ ނިޔާ ވަނީ އެޓީމްގެ މެދުތެރޭގައި މޮޅަށް ކުޅެފައެވެ. 

ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދާ ތިނަދޫން ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްކަޕްގައި ވާދަކުރުމުގައި ނިޔާ މުޙިއްމު ދައުރެއް އަދާކުރިއެވެ. މިހާރު ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާ ބޮޑު އެއް ކުޅުންތެރިޔާ ވަނީ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަކަށް ކުޅެފައެވެ. އެންމެ ފުރަތަމަ ވެލެންސިޔާއިން ފާހަގަވި ނިޔާ ވަނީ ނިއުރޭޑިއަންޓާއި، ވީބީއާއި، ވިކްޓްރީގައިވެސް ކާމިޔާބު ހޯދާފައެވެ. 2013 ވަނަ އަހަރު އޭއެފްސީކަޕްގެ ކުއާޓަރ ފައިނަލުން ނިއު ޖާގަ ހޯދިއިރު އެޓީމްގެ މެދުތެރޭގައިވެސް ނިޔާ މުޙިއްމު ދައުރެއް އަދާކުރިއެވެ. 

މި ސީޒަންގައި ގްރީންގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަނީ އަލީ ސުޒޭންއެވެ.