ޚަބަރު

ރާއްޖޭގައި ހިނގާދިޔަ ކަންކަމުގެ ހެކިވެރިއަކީ ޕީއެސްއެމް


ރާއްޖޭގެ ތާރީޚުގައި ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި ރާއްޖޭގައި ހިނގައިދިޔަ ކަންކަމުގެ ހެކިވެރި ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ މީޑިއާ ކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން މިއަހަރު ތެރޭގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ޔޫތު ޗެލެންޖް 2018 އާއި ސްޕޯޓްސް ފޯރ އޯލް 2018 ގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޑީއެމްޑީ އިކްރާމް ވިދާޅުވީ، ރާއްޖޭގައި ހިނގައިދިޔަ ހުރިހާ ކަމެއްގެ ތާރީޚާއި، އަޑުތަކާއި ވީޑިއޯއެއްހުރީ ދިވެހި ޤައުމީ މީޑިއާގައިކަމަށެވެ.

އިކްރާމް ވިދާޅުވީ އެ ތާރީޚުތަކާއި އަޑުތަކަކީ ދިވެހިންނަށް އޮޅުވާލެވޭނެ ތާރީޚުތަކެއް ނޫންކަމަށާއި އަދި ފަސްއަޅާ ފޮރުވާލެވޭނެ ތާރީޚްތަކެއްވެސް ނޫން ކަމަށެވެ.

އިކްރާމް ވިދާޅުވީ، އެ ތާރީޚުތަކުން ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ މިއަދުގެ ސަރުކާރަށްވުރެ ބޮޑަށް ޒުވާނުންނާއި، ކުޅިވަރާއި، ވަޒީފާގެ ފުރުސަތުތަކަށް މަސައްކަތްކޮށްދެއްވި ސަރުކާރެއް ނެތްކަން ކަމަށެވެ. އެހެންކަމުން އެކަން ދިވެހި ޤައުމީ މީޑިއާގެ ރެކޯޑުތަކުން ހާމަވެގެންދާނެކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

"އެހުރިހާ ރެކޯޑުތަކެއް ހުރީ ރާއްޖޭގެ ޤައުމީ މީޑިއާގައި. އެހުރިހާ އަޑުތަކާއި ވީޑިއޯއާ އަދި ހިނގައިދިޔަ ހުރިހާ ކަމެއްގެ ތާރީޚު އޮތީ ގައިމީ މީޑިއާގައި. އެހެންވީމަ އެ ތާރީޚަކީ ދިވެހިންނަށް އޮޅުވާލެވޭނެ ތާރީޚުތަކެއް ނޫން. އަދި އެތާރީޚަކީ ފަސްއަޅާ ފޮރުވާލެވޭނެ ތާރީޚްތަކެއްވެސް ނޫން،." މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވިއެވެ.

ސަރުކާރުން މި ވޭތުވެދިޔަ ފަސް އަހަރުދުވަހުގެތެރޭގައި ކުރައްވާފައިވާ ބައެއްކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުންނެވެ. އިކްރާމް ވިދާޅުވީ، ޒުވާނުންނަށް ނުވަދިހަ ހަތަރު ހާސް ވަޒީފާގެ ފުރުސަތު ހޯދައިދީ އެ ޢަދަދު އިތުރުވެފައިވާކަމާއި، ރާއްޖޭގައި މިހާގިނަ ޢަދަދަށް ރިސޯޓްތައް ހުޅުވިގެން ގޮސްފައިވާ މިންވަރުގެ އިތުރުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަމުންއައި ދުވަސްވަރެއް މިނޫނީ ނެތް ކަމަށެވެ.