ހަތަރު އަހަރު

ހަނގުރާމައަށްދިޔަ މީހުންގެ އަދަދު 61އަށް އިތުރުވެއްޖެ


ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ އަދަދު ފަސްދޮޅަސް އެކަކަށް އިތުރުވެފައިވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ބޭއްވި ޕްރެސްކޮންފަރެންސްގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ، މިއަދަދު ފަސްދޮޅަށް އެކަކަށް އިތުރުވި ނަމަވެސް، މިހާތަނަށް ރާއްޖެއިން ބޭރަށް ހަނގުރާމަތަކަށް ދާން އުޅުނު 68 މީހަކު އެކި މަރުހަލާތަކުގައި ހުއްޓުވާފައިކަމަށެވެ. މީގެ ތެރޭގައި ތެރޭގައި 59 މީހުންނާއި 9 ކުޑަކުދިން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި 9 ކުޑަކުދިންނަކީ އާއިލާތަކާއެކު ހަނގުރާމަތަކަށް ދާން އުޅުނު ކުޑަކުދިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މީހުންގެ ތެރެއިން 12 މީހަކު ހުއްޓުވާފައިވަނީ ތުރުކީ ވިލާތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 21 މީހަކު މާލެއިން ހުއްޓުވާފައިވާއިރު، އެކި ޤައުމުތަކުން 13 މީހަކު ހުއްޓުވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރެއިން 7 މީހެއްގެ މައްސަލަ ބަލާ ނިމިފައިވާކަމަށްވެސް ޑިފެންސް މިނިސްޓަރ ފަހަގަކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ބިރު މީގެ 10 ވަރަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު ރާއްޖޭގައި އޮތް ހާލަތާއި މިހާރުގެ ހާލަތާ މާބޮޑު ތަފާތެއް ނެތްކަމަށެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޒް ކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ކުރަމުންދާ މަސައްކަތުން ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ބޭރުގެ ޤައުމުތަކުންވެސް ފާހަގަކުރާކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް، ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު އެކަން ބޭރުގެ އެއަރލައިންތަކުންވެސް މިކަން ފާހަގަކޮށްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް، މިހާރު ރާއްޖެއައިސްއުޅޭ އީޔޫގެ ވަފުދުންވެސް ފާހަގަކޮށްފައިވާކަމަށެވެ.