ޚަބަރު

"ޔޫތު ޗެލެންޖް 2018"ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ޒުވާނުންނަށް މަތީ ތަޢުލީމާއި މަސައްކަތުގެ މައިދާނުގައި ހުރި ފުރުސަތުތަކާބެހޭ މަޢުލޫމާތު ދިނުމަށް ޔޫތު މިނިސްޓްރީން ބާއްވާ "ޔޫތު ޗެލެންޖް 2018" ގެ މީޑިއާގެ ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމެވެ.



"ޔޫތު ޗެލެންޖް 2018"ގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ ނުވަދިހަ ހަތަރުހާސް ވަޒީފާގެ ފުރުސަތު 5 އަހަރުގެ ތެރޭގައި ދިވެހިންނަށް ހޯދައިދިނުމަށް މި ސަރުކާރުން ވީ ވަޢުދު ފުއްދަވާ، އެކަން މާބޮޑަށް ހާސިލްވެފައިވާކަމަށެވެ. އެގޮތުން ޒުވާނުންނަށްޓަކާ މިފަދަ ވަޢުދެއް މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ އެއްވެސް ވެރިއަކު ދައްކާފައި ނުވާކަން އިކްރާމް ފާހަގަކުރެއްވިއެވެ.

"އެ ހުރިހާ ރެކޯޑުތަކެއް ހުރީ ރާއްޖޭގެ ޤައުމީ މީޑިއާގަ. އެހުރިހާ އަޑުތަކާއި ވީޑިއޯއާއި އަދި ހިނގާދިޔަ ހުރިހާ ކަމެއްގެ ތާރީޚު އޮތީ ޤައުމީ މީޑިއާގަ. އެހެންވީމަ އެ ތާރީޚަކީ ދިވެހިންނަށް އޮޅުވާލެވޭނެ ތާރީޚުތަކެއް ނޫން. އަދި އެތާރީޚަކީ ފަސްއަޅާ ފޮރުވާލެވޭނެ ތާރީޚްތަކެއްވެސް ނޫން" ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.



އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މިއަހަރުގެ ޔޫތް ޗެލެންޖުގައި ޒުވާން ފަންނުވެރިންގެ ހުނަރުތައް ދައްކާލުމަށް ފަރުމާކުރުމާއި އަތްތެރި މަސައްކަތާއި މިއުޒިކް ފަދަ ދާއިރާތަކުން ޒުވާން ފަންނު ވެރިންގެ ހުނަރުތައް ފެނިގެންދާނެ ކަމަށެވެ.

"ވިޔަފާރިތަކުން އުފެދިފައިވާ ވަޒީފާތައް އަދި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ. އެކުވެރި މާހައުލަކުން މަޢުލޫމާތު ފޯރުކޮށްދެވޭނެ. އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް (ދަސްވާރު) ޕްރޮގްރާމްތަކާބެހޭ މަޢުލޫމާތާއި އިޖްތިމާޢީ މަސައްކަތުގެ މަޢުލޫމާތު ދެވޭނެ" ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.



ޔޫތު ޗެލެންޖަކީ 1999 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީން ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ. މިއަހަރުގެ ޔޫތު ޗެލެންޖު އަމާޒުކުރާނީ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި ތަޢުލީމާއި ތަމްރީނު އަދި ވިޔަފާރިކުރާ ޒުވާނުންގެ ވިޔަފާރިތައް އަދި އެ ވިޔަފާރިތައް ބާޒާރަށް ތަޢަރާފްކުރަން ބޭނުންވާ އުފެއްދުންތައް ޕްރޮމޯޓްކުރުން ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. ޔޫތު ޗެލެންޖު 2018 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.