ޚަބަރު

ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި


ށ. ފުނަދޫ އެއަރޕޯޓް ހަދަން ބޭނުންވާ ސަރަހައްދުގެ ބިން ހިއްކަން ފަށައިފިއެވެ. ފުނަދޫގައި އެއަރޕޯޓް ހެދުމަށް އެރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއިއެވެ. 

ފުނަދޫ ބިން ހިއްކުމަށް މަހާޖައްރާފް އެރަށަށް ބަނދަރުކޮށްފައިވަނީ އިއްޔެ ހަވީރުއެވެ. މަހާޖައްރާފް އެރަށަށް ދިޔުމުން އެރަށުގެ ރައްޔިތުންވަނީ މަހާ ޖައްރާފުގެ ފަޅުވެރިންނަށް މަރުޙަބާ ކިއުމަށްޓަކައި ބަނދަރު ސަރަޙައްދުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަޙުމަދު އިބްރާޙިމް ވިދާޅުވީ، ފުނަދޫ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް މަހާޖައްރާފް އެރަށަށް އައުމުން ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުން ނުކުމެ މަހާޖައްރާފާއި އޭގެ ފަޅުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔާފައިވާކަމަށެވެ. 

img:http://s2.psmnews.mv/images/660x400/15159526333285.JPG|ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކަނީ

އަޙުމަދު އިބްރާޙިމް ވިދާޅުވީ، އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މަހާޖައްރާފުގެ އެހީގައި މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި ބަންޑް ވޯލް ޖަހާފައިވާ ސަރަހައްދުގެ މަސައްކަތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި ކުރިޔަށް އޮތް ތިން މަސް ތެރޭގައި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމޭނެކަމަށްވެސް އަޙުމަދު އިބްރާޙިމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15159527539943.JPG|މަހާޖައްރާފަށް މަރުހަބާ ކިޔުމަށް ފުނަދޫ ރައްޔިތުން ނުކުމެ

ފުނަދޫގައި ހަދާ އެއަރޕޯޓް ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ. ދައުލަތުން މިއަހަރަށް ލަފާކުރި ބަޖެޓްގައި 4 އެެއަރޕޯޓެއް ހެދުމަށް 336 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން ށ ފުނަދޫގައި އެއަރޕޯޓް އެޅުމަށް 89 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފެށިއިރު އެއަރޕޯޓްގައި ޓާރމިނަލް އަޅާނެ ބަޔަކު ހޯދުމަށްވަނީ އިއުލާންކޮށްފައެވެ. ޓާމިނަލާއި އެކު ފަޔަރ އެންޑް ރެސްކިއު އިމާރާތަކާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު އަޅާނެ ބަޔަކު ހޯދުމަށްވެސް ރީޖަނަލް އެއަރޕޯޓްސް އިން ވަނީ ހުޅުވާލާފައެވެ. 

މިއަހަރުގެ ތެރޭގައި ހަތަރު އެއަރޕޯޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން އިޢުލާންކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ހދ ކުޅުދުއްފުށި އެއަރޕޯޓާއި ށ ފުނަދޫ އެއަރޕޯޓްގެ އިތުރުން ފ.ނިލަންދޫ އަދި ގދ.މާވަރުލު ހަދާ އެއަރޕޯޓްއެވެ. މި ހަތަރު އެއަރޕޯޓްގެ މަސައްކަތް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފައެވެ.