ސިއްހަތު

މެޑިކަލް ސުކޫލަށް ޓީޗަރުން ހޯދުމާއި، ކުދިން އެންރޯލްކުރަން ފަށަނީ


ރާއްޖޭގައި ތިބެގެން އެމް.ބީ.ބީ.އެސް ފެންވަރަށް ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށާއި، ސިއްޙީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ މެޑިކަލް ސްކޫލްގެ މަސައްކަތެވެ. ރާއްޖޭގައި މިފަދަ ސްކޫލެއް ޤާއިމްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޑޮކްޓަރުކަމާއި އެނޫންވެސް ސިއްޙީ ދާއިރާއާ ގުޅުންހުރި ދާއިރާތަކުން ތަޢުލީމު ހާސިލުކުރުމަށް  ދިވެހިން ކުރާ ޙަރަދުކުޑަކޮށް، ރާއްޖޭގައި ތިބެގެން ތަޢުލީމު ހާސިލުކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ދިވެހިންގެ ސިއްޙަތާއި، މާހައުލާއި، ސަޤާފަތާއި އެއްގޮތްވާގޮތަށް، ބަލިތައް ދެނެގަނެ، އެކަންކަމާ ގުޅޭ ދިރާސާތަކާއި ތަހުލީލުތައް ކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދިނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޕާކިސްތާނުގެ އެހީތެރިކަމާއެކު ޤާއިމުކުރާ މި ސްކޫލުގެ މަސައްކަތް ހެލްތް މިނިސްޓްރީން ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ފަންނީ އެހީތެރިކަމާއެކުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ ޢިމާރާތުން 2 ބުރި މި ސްކޫލް ހިންގުމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސްކޫލަށް ބޭނުންވާ ކަރިކިއުލަމް ރިވިއުކޮށް، ފައިނަލް ކުރުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ.

މެޑިކަލް ސްކޫލް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ދުންޔާ މައުމޫން ވިދާޅުވީ، މެޑިކަލް ސްކޫލަށް ބޭނުންވާ އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ ޓީޗަރުންނާއި ލެކްޗަރާއިން ހޯދުމާއި، ކުދިން އެންރޯލް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފަށާނެކަމަށެވެ.

"ސްޓިއަރިންގ ކޮމެޓީގެ ބެއްލެވުމުގެ ދަށުން އަޅުގަނޑުމެން މިދަނީ އިކުއިޕްމަންޓް އޯޑަރުކުރުމުގެ މަސައްކަތް ކުރަމުން. އަދި ކަރިކިއުލަމް ރިވިއުކޮށް، ކަރިކިއުލަމްއެއް ނިންމުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރިއަށްދާނެ. ކިޔަވައިދެއްވާނެ ބޭފުޅުން ހޯދުމާއި، އެބޭފުޅުންނަށް ތަމްރީންދިނުމާއި، އަދި ކުދިން ސެލެކްޓްކުރުމުގެ ޕްރޮސެސް ދެން އޮތް ދެތިން މަސްތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ 2018 ގައި މި މެޑިކަލް ސްކޫލް ރާއްޖޭގައި ހުޅުވިގެންދިޔުން. އެއީ ފެންވަރު ރަނގަޅު ސްކޫލަކަށް ހެދުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މުޅި ދުނިޔޭގެ ބަލައިގަތުން އަޅުގަނޑުމެން ބޭނުންވޭ. އެއީ ރަނގަޅު ކޮލެޓީގެ ޑޮކްޓަރުން އަޅުގަނޑުމެން އުފައްދަންޖެހޭ ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ދިނުމަށް" ދުންޔާ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއާ ގުޅުންހުރި ތަޢުލީމު ހޯދުމަކީ ވަރަށް ބޮޑު ޚަރަދެއްކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވީ، މާލީގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން، މިދާއިރާއިން ކިޔެވުމަށް ރާއްޖޭން ބޭރުގެ ފެންވަރު ދަށް އިސްޓިޓިއުޓްތައްވެސް ބައެއް ހާލަތްތަކުގައި ކުދިން އިޙްތިޔާރުކުރާކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި އެކުދިންނަށް ލިބެންޖެހޭ ހުނަރާއި ޤާބިލުކަން އެންމެ އެކަށީގެންވާގޮތުގައި ލިބިފައި ނުހުންނަކަމަށެވެ. ނަމަވެސް ރާއްޖޭގައި ތިބެގެން އެކަށޭނެ އަގެއްގައި ކިޔެވުމުގެ ފުރުޞަތު ލިބުމުން، ދަރިވަރުންގެ ކިބައިގައި ހުންނަ ފެންވަރާއި ހުނަރު މިނެކިރާ، ކޮލެޓީ މެއިންޓެއިން ކުރަން ފަސޭހަވެގެންދާނެކަން ދުންޔާ ފާހަގަކުރެއްވިއެވެ.

"ދިވެހި ކުދިންނަށް ފުރުޞަތު ނުލިބޭތީ ނުވަތަ ހަރަދުގެ ގޮތުންބަލާއިރު އޭގެ ދަތިތަކެއް އުޅޭތީވެ ބައެއް ޤައުމުތަކުގައި އެހާ ކޮލެޓީ ނޫން އިންސްޓިޓިއުޓްތަކަށްވެސް އެބަދޭ. އެހެންވީމަ މިއީ އެކަށީގެންވާގޮތެއް ނޫން. ރާއްޖެއަށް އަނބުރާ އައިސް އެކުދިން ޕްރެކްޓިސްކުރަން ބަލާއިރު އަޅުގަނޑުމެން ބޭނުންވާ ފެންވަރެއް އަބަދަކު ނުއެއްހުރޭ. އެހެންވިއްޔާ ހިދުމަތް ދިނުމުގައި ދަތިތަކެއް އަންނާނެ. ދިވެހި ރައްޔިތުންނަށް ލިބޭނީކީ އެންމެ އެކަށީގެންވާ ހިދުމަތެއް ނޫން. އެހެންކަމުން ފެންވަރު އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އޮވެގެން އެ ޑިޓަރމައިން ކުރުމަކީ މުހިއްމުކަމެއް" ދުންޔާ ވިދާޅުވިއެވެ.ދުންޔާ ވިދާޅުވީ، ރާއްޖޭގެ މެޑިކަލް ސްކޫލުން ކިޔަވައިގެން ނުކުންނަ ޑޮކްޓަރުންނަކީވެސް ދުނިޔޭގެ އެހެން ޤައުމުތަކުން ބަލައިގަންނަ ޑޮކްޓަރުންނަށް ހެދުމަކީ ސަރުކާރުން އަމާޒެއްކަމަށެވެ. އަދި މެޑިކަލް ސްކޫލް ހިންގުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ އިތުރުން، ޑަބްލިއު.އެޗް.އޯ ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ފަންނީ ލަފައާއި އެހީތެރިކަންވެސް ހޯދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކަރިކިއުލަމްގެ މަސައްކަތާއި، މި ސްކޫލަކީ ދުނިޔޭގެ ޤައުމުތަކުން ބަލައިގަންނަ ތަނަކަށް ހެދުމަށްޓަކާ ރާއްޖޭގެ މެޑިކަލް ކައުންސިލާއި ގުޅިގެން އިންޑިއާއާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގެ އެހީތެރިކަން ހޯދަމުންދާކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.