ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލާންޖެހޭ


ސަރުކާރާއި އެހެނިހެން ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަމާނާތްތެރިކަމާއެކު ފޯރުކޮށް ދިނުމަށް އައްޝައިޙް އަޙްމަދު މައުމޫން ގޮވާލައްވައިފިއެވެ. "ހުކުރު އުފާ"ގެ މިހަފްތާގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އައްޝައިޙް އަޙްމަދު މައުމޫން ވަނީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ އެލެވެންސްތަކާއި، ހެޔޮއެދޭ ފަރާތްތަކުން ދޭ އެހީ ނާޖާއިޒް ގޮތުގައި ބޭނުންނުކުރުމަށް އެދިވަޑައިންގެންފައެވެ.



މިހަފްތާގެ "ހުކުރު އުފާ"ގެ ޕެނަކް ޑިސްކަޝަން ޚާއްސަކޮށްފައިވަނީ "ޚާއްސަ އެހިއަށް ބޭނުންވާ ފަރާތްތަކަށް އަޅާލުމާއި އޯގާތެރިވުން"މި މަޢުޞޫއަށެވެ. ޕެނަލް ޑިސްކަޝަންގަ ވާހަކަދައްކަވަމުން އައްޝައިޙް އަޙްމަދު މައުމޫން ވިދާޅުވީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ އެލެވެންސްތަކާއި، ހެޔޮއެދޭ ފަރާތްތަކުން ދޭ އެހީތަކަކީ އެކުދިންގެ އަމާނާތެއްކަމަށެވެ. އަދި އަމާނާތަށް ޚިޔާނަތްތެރިވާ ފަރާތްތަކަށް މިހާރުވެސް އަދަބު ދޭންޖެހޭކަމަށާއި އާޚިރާތް ދުވަހުންވެސް އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ލިބޭ އަޒާބު ދެގުނައަށް އިތުރުވާނެކަން އެނާ ފާހަގަކުރެއްވިއެވެ. އައްޝައިޚް މައުމޫން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ތަފާތުކުރަން ޖޭހޭ ބައެއް ނޫންކަމަށާއި، އެކުދިންނަކީ އެހެން އިންސާނުން ފަދައިން ހުރިހާ ޙައްޤުތަކެއްވެސް ލިބެންޖެހޭ ބައެއްކަމަށެވެ. އަދި ކީރިތި މާތް ރަސޫލާވެސް އެފަދަ ކުދިން އެކަހެރިނުކުރުމަށް ބާރުއެޅުއްވިކަން އޭނާ ފަހަގަކުރެއްވިއެވެ. ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭންޖެހޭ ކުލުނާއި ލޯބި، އަމަލުން ދެއްކުމަށްވެސް ޝައިޙް ވަނީ މުޖުތަމައުގެ އެންމެހާ އަފުރާދުންނަށް ގޮވާލައްވާފައެވެ.

"ﷲ ސްބްހާނަހޫ ވަތައާލާ އަމާނާތްތައް ހަވާލުކޮށްފައިވަނީ އެ އަމާނާތް އޭގެ އަހުލުވެރިންނަށް އޭގެ ވެރިންނަށް ރައްދުކޮށްދިނުމަށްޓަކާ. އެއަށް ޚިޔާނާތްތެރިވެއްޖެނަމަ އަމާނާތްތައް ޚިޔާނާތްތެރިވުމުގައި ދުނިޔެވީގޮތުންނާއި އުޚުރަވީގޮތުންވެސްކުށް އެބައޮތް." އައްޝައިޙް އަޙްމަދު މައުމޫން ވިދާޅުވިއެވެ.



މި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޑިސްއެބިލިޓީ ގުޑްވިލް އެމްބެސެޑަރ ޒިޙްނަތު ޙަސަން ވިދާޅުވީ، މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނަގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ލޯތްބާއި އަޅާލުން ފުރިހަމައަށް ދޭންޖެހޭކަން ޒިޙްނަތު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކުދިންނަށް ފުރައްސާރަކުރުމާއި ގޯނާ ކުރުމުގެ މައްސަލަތައް ބައެއް ފަހަރު ފެންނަމުންދާކަމީ މުޅި މުޖުތަމަޢު ޝާމިލުވާހެން އެކަންކަމާމެދު ފުންކޮށް ވިސްނަންޖެހޭ ކަމެއްކަމަށް ވިދާޅުވެ، ޒިޙްނަތު ވަނީ އެފަދަ ކަންކަން ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

"ބައެއް ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބޭނުންކޮށްގެން މާލީ ފައިދާ ނަގަމުންދޭ. ބައެއް އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް މިއީ ފެންނަމުންދާ މަންޒަރެއް. އެފަދަ ފަރާތްތަކާއި ޖަމިއްޔާ ޖަމިއްޔާތައް އެކުދިން ބޭނުންކޮށްގެން މިފަދަ ފައިދާތައް ނުނެގުން އެދެން" ޒިޙްނަތު ވިދާޅުވިއެވެ.



މިއަހަރު ބޭއްވި ފުރަތަމަ ހުކުރު އުފާގެ ހަރަކާތްތައް ޚާއްޞަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. އެގޮތުން ހުކުރު އުފާގެ ހަވީރުގެ ދަންފަޅީގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރޭގަނޑު ދަންފަޅީގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަން ކުރިއަށްދިޔަ ވަގުތުވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ކުދިންނަށް ފަސޭހައިން ނަގައިގަނެވޭނޭހެން އިޝާރާތް ބަހުންވެސް ކިޔައިދީފައިވެއެވެ.