ޚަބަރު

ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓާލުމަށް ނާންގާ - ސްޓެލްކޯ


މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ކޭބަލް އެޅުމުގެ މަސައްކަތް ޙަވާލުކުރުން ހުއްޓާލުމަށް އޭސީސީން އެންގިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާ ޚަބަރު ސްޓެލްކޯއިން ދޮގުކޮށްފިއެވެ. ސްޓެލްކޯއިން މިކަން ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރަނީ އެކުންފުނީގެ ކަސްޓަމަރުންނަށާއި ރައްޔިތުންގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަށް ކަމަަށެވެ.



ސްޓެލްކޯއިން ބުނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މެދުވެރިކޮށް މާލެއާއި ހުޅުމާލެ ޕަވަރ އިންޓަރކަނެކްޝަން ނެޓްވާރކް އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ކޮންޓެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޑޮންފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޑީއީސީއާ ހަވާލުކުރުމަށް ނިންމި ނިންމުމަކީ އެމަސައްކަތް ކުރުމުގެ ފަންނީ އަދި މާލީގޮތުންވެސް ސްޓެލްކޯއާއި ދައުލަތަށް އެންމެ ފައިދާ ހުރިގޮތްކަމަށް ވާތީކަމަށެވެ. މި މަސައްކަތް އިޢުލާންނުކޮށް ބަޔަކާ ހަވާލުކުރިކަމަށް ބުނާ ވާހަކަ ދޮގުކުރަމުން ސްޓޭލްކޯއިން ބުނީ ހުޅުވާލެވިފައިވާ ބައިނަލްއަޤްވާމީ ޓެންޑަރަކުން މި މަޝްރޫޢަށް ކުރިމަތިލީ ޗައިނާ އިލެކްޓްރިކް އިންޖިނިއަރިންގ ކޯ-ލިމިޓެޑް، ސީއެންއީއީސީ އާއި ޗައިނާ ޑޮންފަންގ އިލެކްޓްރިކް އިންޓަރނޭޝަނލް ކޯޕަރޭޝަން، ޑީއީސީ ކަމަށެވެ. އަދި ބިޑް އިވެލުއޭޓް ކުރުމުގައި ސްޓެލްކޯގެ މަތީ ފެންވަރުގެ އިންޖިނިއަރުން އިވެލުއޭޝަން ޓީމްގައި ބައިވެރިވެފައިވާކަމަށާއި، މި މަސައްކަތް ޑީއީސީއާ ހަވާލުކުރީ ސްޓެލްކޯއަށާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް މި މަސައްކަތްކޮށް ނިންމޭނީ ޑީއީސީއަށް ކަމުގައިވާތީކަމަށެވެ. 



އޭސީސީން މިމަހުގެ ހަތްވަނަ ދުވަހު ސްޓެލްކޯއަށް ވަޑައިގެން މި މަސައްކަތުގެ މުޢާމަލާތްތައް ބެލުމަށް ބޭނުންވާކަމަށް އެދުމުން ހުރިހާ ލިޔުންތައް އެކޮމިޝަނާ ހަވާލުކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެ މައްސަލަ ނިންމި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކޮމިޝަނުން އަންގަންދެން މިމަޝްރޫޢުގެ މަސައްކަތް މަޑުޖައްސާލާފައިވާކަމަށް ސްޓެލްކޯގެ ބަޔާނުގަވެއެވެ.