ޚަބަރު

މިހަފްތާގެ ހުކުރު އުފާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް


މިހަފްތާގެ ހުކުރު އުފާގެ ހަރަކާތްތައް ޙާއްޞަކުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

.ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ހުކުރުއުފާ ފެސްޓިވަލްގެ މިއަހަރުގެ ހަރަކާތްތައް އިންތިޒާމް ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބައިވެރިވެވޭގޮތަށެވެ. އެގޮތުން އެކުދިންނަށް އެހީތެރިވެދޭނެ ޚާއްޞަ ސްޓޯލެއް ވަނީ ޤާއިމް ކޮށްފައެވެ. މިއަދުން ފެށިގެން "ހުކުރު އުފާ" ފެސްޓިވަލްގެ ކޮންމެ ހަވީރެއްގައިވެސް މިސްޓޯލް ބެއްހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ. ހުކުރު އުފާ އިސްލާމިކް ފެސްޓިވަލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްފައިވާ ސްޓޯލްގެ ކަންކަން ބަލަހައްޓާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއަރުވަން މަސައްކަތްކުރުމަށް މިނިސްޓަރ އެފް ޖެންޑަރ އެންޑް ފެމިލީން އައްޔަން ކުރައްވާފައިވާ ޑިސްއެބިލިޓީ ގުޑްވިލް އެމްބެސެޑަރުންނެވެ. މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޑިސްއެބިލިޓީ ގުޑްވިލް އެމްބެސެޑަރ އަޙްމަދު އަންސާމް ވިދާޅުވީ ކޮންމެ ހަފްތާއަކުވެސް އެބޭފުޅުން ބައިވެރިވާނެ ކަމާށާއި މިދާއިރާގައި މަސައްކަތް ކުރައްވާ އަމިއްލަ ޖަމިއްޔާތަކުންވެސް މިކަމުގައި ބައިވެރިވެ އެހީތެރިވާނެކަމަށެވެ.

"މި ސްޓޯލްއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައުލޫމާތުތައް ލިބޭނެ. މީގެ އިތުރުން "ހުކުރު އުފާ" ހަރަކާތްތަކުގައި އެކުދިން ބައިވެރިވުމަށް އެހީތެރެވެދޭނެ. މިއަދުން ފެށިގެން ކޮންމެ ހުކުރު ދުވަހުވެސް ނުކުޅެދުންތެރި ހުންނަ ކުދިންނަށް ޚާއްސަ ސްޓޯލްއެއް ހުންނާނެ" އަންސާމް ވިދާޅުވިއެވެ.



ހުކުރު އުފާ ފެސްޓިވަލްއަކީ ތުއްތުކުދިންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށާޢި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ގިނަ ކުޅިވަރުތަކުގައި ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. މި ހަފްތާގެ ހަރަކާތުގައިވެސް ތުއްތުކުދިންވަނީ އެކުދިންގެ ހުނަރުތައް ދައްކާލާފައެވެ.

މިހަފްތާގެ ހުކުރު އުފާގެ ރޭގަނޑު ދަންފަޅީގެ ދަރުސް ޚާއްޞަ ކޮށްފައިވަނީ "ޚާއްސަ އެހީއަށް ބެނުންވާ ފަރާތްތަކަށް އަޅާލުމާއި އޯގާތެރިވުން" މި މަޢުޟޫއަށެވެ. މި ދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު މައުމޫންއެވެ. މިރޭގެ ދަންފަޅީގައި ޑިސްއެބިލިޓީ ގްޑްވިލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ޕީއެސްއެމްގެ ސީނިއަރ އެޑިޓަރ ޒިހުނަތް ޙަސަން ވާހަކަ ދައްކަވާނެއެވެ.

އެހެން ހަފްތާތަކޭ އެއްގޮތަށް މިހަފްތާގެ ހަރަކާތުގައިވެސް ދީނީ ފޮތް ބެހުމާއި މުސްޙަފު ބެހުންވެސް ކުރިއަށްދިޔައެވެ. މީގެ އިތުރުން ތަފާތު ސްޓޯލްތަކުން ދީނީ މަޢުލޫމާތު ހިމެނޭ ފޮތްތައް ވިއްކުމާއި، ކުޑަކުދިންނަށާއި ބޮޑެތިމީހުނަށް ދީނީ މަޢުލޫމާތު ވެސް ވަނީ ދީފައެވެ.