ޚަބަރު

އާ އަހަރުގެ ކިޔެވުން ފެށޭއިރު ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެ


ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށަން ތައްޔާރުވެފައިވާއިރު ސްކޫލުތައް ހުންނަ ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއިއެކު ސްކޫލުތައް ހުންނަ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ. ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑިތަކާއި ނިމޭ ގަޑިތަކުގައި ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދަކަށް އެ ސަރަޙައްދުތަކަށް ނުވަދެވޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުތަކުގައި ޓްރެފިކް ފުލުހުން ޙަރަކާތްތެރިވާނެ ކަމަށާއި ފުލުހުން އަންގާ އެންގުންތަކަށް އެ ސަރަޙައްދުތަކުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ސަމީރު އިލްތިމާސްކުރެއްވިއެވެ.

"އެ ސަރަޙައްދުތަކަކަށް ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދަކަށް ނުވަދެވޭނެ. އެއްވެސް މުދާ އުފުލާ އުޅަނދަކަށްވެސް އެ ސަރަޙައްދަކަށް ނުވަދެވޭނެ. އެއީ ސްކޫލުތައް ފެށޭ އަދި ނިމޭ ގަޑިތަކަށް. ދެން އަޅުގަނޑުމެން އިލްތިމާސްކުރަން ސައިކަލުތަކުގައި ކުދިން ބަލާ ދުރުވާ ބެލެނެވެރިންނަށްވެސް، ސްކޫލު ގޭޓް ކުރިމަތީގައި ޕާކް ނުކުރެއްވުމަށް އެދެން. އަދި ހިނގާފައި އުޅުއްވާ ފަރާތްތަކަށްވެސް ދަތި ނުވާނެހެން ސައިކަލުތައް ޕާކް ކުރުމަށް އިލްތިމާސްކުރަން،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ސްކޫލުތައް ފެށޭ އަދި ނިމޭ ގަޑިތަކަކީ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވާނެ ގަޑިތަކެއް ކަމުން ހުރިހާ ރައްޔިތުންގެ އެއްބާރުލުން އެ ގަޑިތަކުގައި ފުލުހުންނަށް ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.