ޚަބަރު

ޑެންގީ ހުމުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ޑެންގީ ހުން ފެތުރެމުންދާ ދުވަސްވަރަށް ވުމުން އެކަމުން ރައްކާތެރިވުމަށް ހާއްސަފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮންމެ އަހަރެއްގެ މިދުވަސްވަރަކީ ޑެންގީ ހުން ފެތުރުމުގެ  ފުރުސަތު ބޮޑު ދުވަސްވަރެއްކަމަށެވެ. އެހެންކަމުން ޑެންގީ ހުމުން ރައްކާތެރިވުމަށް އި އިދާރާއިން ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށެވެ. މި ގޮތުން ޑެންގީ ބަލި ދެނެގަތުމާއި ފަރުވާ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ޑެންގީ ހުން އިތުރުވަމުންދާ މިންވަރު ބަލާ ޑެންގީ ފެތުރޭ ރަށްރަށުގައި ޑެންގީ ކޮންޓްރޯލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ލަފާދީ އެހީތެރިކަން ދެމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ، ފެން ހުސްކޮށް ސާފުކުރުމާއި ކުނިއަޅަން ހާއްސަ ކުރެވިފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުމާއި ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެއެވެ. މި ކަންތައްތައް ދިމާވާނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި ، އަރާމުކުރުމާއި  ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.