ހަތަރު އަހަރު

އައިޔޫއެމް ހިންގަން ސަރުކާރުން ކުރާ ޚަރަދު ކުޑަކުރަނީ


އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އައިޔޫއެމުގެ ޢަމާޒަކީ ސަރުކާރުން އެޔުނިވަރސިޓީއަށް ޚަރަދު ކުރުމުގެ ބަދަލުގައި އަމިއްލައަށް ޢާމްދަނީ ހޯދައިގެން ހިންގާ ޔުނިވަރސިޓީއަށް ހެދުން ކަމަށް އެޔުނިވަރސިޓީން ބުނެފިއެވެ. އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ އަޙްމަދު ޝަހީމް ޢަލީ ސަޢީދް ވިދާޅުވީ، ސަރުކާރުން އެޔުނިވަރސިޓީއަށް ކުރާ ޚަރަދު ކުރިއަށް އޮތް ދިހަ އަހަރުދުވަހުގެ ތެރޭގައި 0%އަށް  ދަށްކުރެވޭނެކަމަށެވެ.

ޝަހީމް މިހެން ވިދާޅުވީ ހުޅުމާލޭގައި  އިސްލާމިކް ޔުނިވަރސިޓީގެ ވަޤުފް ފަންޑުގެ ދަށުން ޢިމާރާތްކުރާ އޮފިސް އިމާރާތާއި ގުޅޭ މަޢުލޫމާތު ޕީއެސްއެމްއާއި ޙިއްސާކުރައްވަމުންނެވެ. ޝަހީމް ވިދާޅުވީ މި އޮފީސް އިމާރާތަކީ 7 ފަންގިފިލައަށް އިމާރާތްކުރާ އޮފީސް އިމާރާތެއްކަމަށެވެ.  ހުރިހައި ޚިދްމަތަކަަށް ބޭނުންކުރެވޭގޮތައް ފަރުމާކޮށްފައިވާ މިޢިމާރާތުގައި އޮފިސް ތަކާއި، މީޓިންގ ރޫމްތަކާއި، ތިންސަތޭކަ މީހުންގެ ޖާގައިގެ ހޯލަކާއި، ފުޑް ކޯޓެއް ހިމެނޭކަމަށް ޗާންސެލަރ ވިދާޅުވިއެވެ. 

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މަޢުލޫމާތުދޭގޮތުގައި، ޢިމާރާތުގެ ޑިޒައިންގެ ހުރިހާ މަސައްކަތްތަކެއް މިހާރުވަނީ ނިމިފައެވެ. އަދި އެޔުނިވަރސިޓީން ދަނީ މިމަހުގެ ތެރޭގައި ޢިމާރާތުގެ ޢަމަލީ މަސައްކަތްފެށުމަެށް ތައްޔާރުވަމުންނެވެ. ޢަމަލީ މަސައްކަތް ފެށުމާއިއެކު 18 މަސްތެރޭގައި މަސައްކަތްނިންމައި ކުއްޔަށްދޭނޭކަމަށްވެސް އައިޔޫއެމުން ބުނެއެވެ.

ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން .ހުޅުމާލޭގައި އަޅާ މި ޢިމާރާތް ކުއްޔަށްދޭތާ ފަސްއަހާރާއި ދިހައަހަރާއި ދޭތެރޭގައި ސަރުކާރުން އައިޔޫއެމްއަށް ކުރާ ހޭދަ 50 އިންސައްކަތައަށް ކުޑަކުރާނެކަމަށް އައިޔޫއެމްގެ ޗާންސެލަރ ވިދާޅުވިއެވެ. އަދި  ޢަމާޒަކީ ސަރުކާރުން  ޚަރަދުކޮށްގެން އެޔުނިވަރސިޓީ ހިންގުމުގެ ބަދަލުގައި ޔުނިވަރސިޓީން ހޯދާ ޢާމްދަނީން ޔުނިވަރސިޓީ ހިންގުން ކަމަށް ޗާންސެލަރ ވިދާޅުވިއެވެ.

"އައިޔުއެމް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ވަނީ ޓްރަސްޓް ފަންޑެއް އެކުލަވާލާފައެވެ.