ޚަބަރު

ރައީސްގެ އަނބިކަނބަލުން ތޮއްޑުއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގަ އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ. ރައިސްގެ އަންބިކަނބަލުންގެ މި ދަތުރުފުޅަކީ އެކަމަނާ ފައްޓަވާފައިވާ 'އެންމެ ގާތުން' ކެމްޕެއިންގެ ދަށުން އަތޮޅުތަކުގެ ރައްޔިތުންގެ ހާލު ބައްލަވާ އެބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތޮއްޑޫއަށް ވަޑައިގަތުމުން އެރަށުން އެކަމަނާއަށް ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ތޮއްޑޫގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ރައްޔިތުން އެކަމަނާގެ އިސްތިޤުބާލުގައި ބަނދަރު ސަރަހައްދަށްއެއްވެ އެކަމަނާއަށް ހެޔޮދުން އަރިސްކުރިއެވެ. 

img:http://s3.psmnews.mv/images/660x400/15155693906017.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އއ. ތޮއްޑުއަށް ވަޑައިގަތުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރައީސް އަނބިކަނބަލުން ފާތިމަތު އިބްރާހިމް ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ބައްދަލުކުރެއްވިއެވެ. ތޮއްޑޫ ސްކޫލުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ވަކިވަކިން ބައްދަލުކުރައްވާ ރައީސްގެ އަނބިކަނބަލުންވަނީ އެމީހުންގެ ހާލު ބައްލައްވާފައެވެ. މީގެ އިތުރުން ތޮއްޑޫގެ އިސްރަށްވެހިންނާއި ޒުވާނުންންނާއި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާ ވެސް އެކަމަނާ ބައްދަލުކުރެއްވިއެވެ. އަދި އެފަރާތްތަކަށް ދިމާވާ ދަތިތަކާއި ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވިއެވެ.



އއ. އަތޮޅަށް ރައީސްގެ އަނބިކަނބަލުން މިކުރައްވާ ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެެވެ.