ޚަބަރު

"ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހުކުމްތައް ބަޔާންކޮށްދޭނަން"


އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލަ ހައްލުކުރެވޭނީ ނަސޭޙަތްދީ, މީހުން ދީނަށް ހޭލުންތެރި ކޮށްގެންކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައެވެ. 



ޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކުރުމަކީ މިއަދު ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި މިއީ ރަސޫލު ޒަމާނުންސުރެ ކުރަމުން އަންނަ ކަމެއްކަމަށެވެ. ފަހަކަށް އައިސް ދީނަށް ފުރައްސާރަކުރާ މީހުން ރާއްޖެއިންވެސް ފެންނަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެކަންކަން ހުއްޓުވޭނީ ނަސޭހަތްދީ މީހުން ދީނަށް ހޭލުންތެރި ކޮށްގެންކަމަށެވެ. އަދި މިކަމުގައި ދީނީގޮތުން ބަޔާންކޮށްފައިވާ ހުކުމްތައް އެ ފަދަ މީހުންނަށް ރަގަޅަށް ހާމަކޮށްދިނުމަށް ފަތުވާދޭ އެންމެ މަތީ މަޖިލީހުން މަސައްކަތް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މާތް ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައިހިވަސައްލަމަގެ ޒަމާނުއްސުރެ ފެށިގެން ދީނަށް ފުރައްސާރަކޯށް މަލާމާތް ކުރާ ބަޔަކު އުޅޭ. އަދި މުސްތަޤްބަލުގައިވެސް އެފަދަ މީހުން އުޅޭނެ. އެމީހުންނަކީ ﷲ ގެ ހަޒްރަތުގައި މަސްޢޫލްވެރިވާނެ ބައެއް. އެމީހުންގެ ކަންތައްތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތުން، އަޅުގަނޑުމެން މި މުއައްސަސާއިންވެސް ދީނުގައި އެކަން އޮތްގޮތް  ރަނގަޅަށް ހާމަކޮށްދޭނަން. އެކަމުގެ ހުކުމްވެސް ދިރާސާކުރުމަށްފަހު ބަޔާން ކުރާނަން." ޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.



އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ އެ މަޖިލީސް ކިތައްމެ ކުޑަ އިދާރާއެއްގެ ގޮތުގައި ހިންގަމުން އައިނަމަވެސް އެ މަޖިލީހުން ކުރާ މަސައްކަތަކީ ކުޑަ މަސައްކަތްތަކެއް ނޫންކަމަށެވެ. ބައެއް ޤައުމުތަކުގައި ވަކިވަކި ފަރުދުން ފަތުވާދޭކަން ފާހަގަކުރައްވާ ޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ އެ ފަދަ ފަތުވާތަކުގެ ސަބަބުން މުޖްތަމައުގައި ފިތުނަ ފަސާދަ އުފެދި ގެއްލުންތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމެވެރިންވެސް ކަންކަމުގައި ފަތުވާ ނެރުއްވާނަމަ އެކަން ދީނުގައި އޮތްގޮތް ބައްލަވާ ރަގަޅަށް ދިރާސާކުރެއްވުމަށްފަހު އޭގެ އެންމެ ހަރުދަނާ ގޮތް ބަޔާން ކުރެއްވުމަށްވެސް ޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް އިލްތިމާސްކުރެއްވިއެވެ.