މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢޫގެ ޢަަމަލީ މަސައްކަތްފެށުންމަށް މިމަހު ކޮންޓްރެކްޓަރާއެކު ސޮއިކުރާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މި މަސައްކަތް ކުރުމަށް ސްޓެލްކޯއިން އެވޯޑްކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންފަގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯފަރޭޝަނާއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއިން މިއަހަރު ކުރިއަށްގެންދިއުމަށް ކަަނޑައަޅާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މާލޭގެ ހުރިހާ ރަށެއްގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއިން ހިންގާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެދަށުން މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ 132 ކިލޯވޮޓްގެ ހައިވޯލްޓޭޖް ކަނެކްޝަނަކުން ގުޅާލައި، ރާއްޖޭގައި ފުރަތަމަފަހަރަށް އަޅާ ހައިވޯލްޓޭޖް ޓްރާންސްމިޝަން ލައިން އެޅާނެއެވެ. މި މަޝްރޫޢޫގެ ސަބަބުން ހުޅުމާލޭގައި ކުރިއަށްގެންދާ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ޕަވަރ ޕްލާންޓްތައް މާލެއާ ގުޅާލާނެއެވެ. ފިފްތް ޕަވަރ ޕްރޮޖެކްޓަކީ 50 މެގަވޯޓްގެ ކަަރަންޓު އުފެއްދޭ ކެޕޭސިޓީގެ ޕަވަރަ ޕްލާންޓެކެވެ. މި ޕްލާންޓްގެ ސަބަބުން ބޭނުންވެއްޖެ ޙާލަތެއްގައި މާލެއާއި ހުޅުލެއަށް ބޭނުންވާ ކަރަަންޓު ފޯރުކޮށްދެވޭނެއެވެ. ސްޓެލްކޯގެ އެސިސްޓަންޓް އިންޖިނިއަރ މަރިޔަމް ޢަލީ ވިދާޅުވީ ފިފްތް ޕަވަރ ޕްރޮޖެކްޓްގެދަށުން ހުޅުމާލޭގައި އަޅާ ޕަވަރ ޕްލާންޓްގައި 8.9 މެގަވޮޓްގެ 6 ޖަނަރޭޓަރު ބަހައްޓާނެކަމަށެވެ. މަރިޔަމް ޢަލީ ވިދާޅުވީ ޕަވަރޕްލާންްޓްގެ ފައުންޑޭޝަން ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށެވެ.
މި ޕްރޮޖެކްޓްގެދަށުން ލޮނުފެއް ރީތިފެނަށް ބަދަލުކުރާ ޕްލާންޓަކާއި، ތެޔޮ ރައްކާކުރާ ފިއުލް ފަރމެއް ޤާއިމުކުުރުމަށް ހަމަޖެހިފައިވެއެވެ.
މަރިޔަމް ޢަލީ ވިދާޅުވީ ބްރިޖް މެދުވެރި އަޅާ ހައިވޯލްޓޭޖް ޓްރާންސްމިޝަން ލައިން އެޅުމަށް ބޭނުންވާ ޑިޒައިން މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށެވެ. މި މަސައްކަތަކީ ބްރިޖް މަސައްކަތާއި ގުޅިގެން އަންނަ މަސައްކަތަކަށްވާތީ ބާރު ސްޕީޑްގައި މިކަމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
" މިހާރުވަނީ މި މަސައްކަތުގެ ކޮންޓްރެކްޓް އެވޯޑް ކޮށްފައި. މި މަސައްނިމުމުގެ ކުރިން ސޮއިކުރާނެ. ސޮއިކުރުމާއިއެކު ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ފަށާނަން. މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންފަގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯފަރޭޝަނާއި." ސްޓެލްކޯގެ އެސިސްޓަންޓް އިންޖިނިއަރ މަރިޔަމް ޢަލީ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓްގެ ސަބަބުން ގްރޭޓަރ މާލޭގެ ކަރަންޓުގެ ނިޒާމް އިތުރަށް ހަރުދދަނާވެގެންދާނެއެވެ. މިއީ ހަތްސަތޭކަ ހަތްދިހަ ހަތް މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.