ކުޅިވަރު

ބަނގްލަދޭޝް ޓީމްތަކާ ދެކޮޅަށް މިހާރު ފަސޭހައެއް ނުކުރާނަން - ޓީސީ


ބަނގްލަދޭޝްގެ ޓީމްތައް މިހާރު ފަސޭހަކޮށް ނުނަގާނެކަމަށް ޓީސީ ސްޕޯރޓްސް ކުލަބްގެ ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ. 

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބަނގްލަދޭޝްގެ ސައިފްއާއި ވާދަކުރުމަށް މިހާރު ފަރިތަކުރުންތައް ފަށާފައިވާ ކުލަބްގެ ކޯޗު ބުނީ ޓީސީއެކޭ އެއްގޮތަށް ބަނގްލަދޭޝްގެ ސައިފް ޓީމަކީވެސް ވަރަށް ޒުވާން ޓީމެއްކަމަށެވެ. ބަނގްލަދޭޝްގެ ޗެންޕިއަން ސައިފް ޓީމް އުފެދުނީވެސް މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ކަޕްގެ ޗެންޕިއަންކަން ހޯދި ޓީސީގެ ކޯޗު ނިޒާމް ބުނީ އެމުބާރާތަކީ ޓީސީއަށް ބަނގްލަދޭޝްގެ ޓީމްތަކާއި، ބަނގްލަދޭޝްގެ މާހައުލު ވަރަށް ރަނގަޅަށް އެނގިގެންދިޔަ މުބާރާތެއްކަމަށެވެ. އެމުބާރާތުގެ ޗެންޕިއަންކަން ޓީސީއަށް ލިބުމަކީ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރަށް ދާއިރު، ޓީމަށް ލިބިފައިވާ އިތުރު ހިތްވަރެއްކަމަށް ނިޒާމް ބުންޏެވެ. މިހާރު ޓީސީގެ ކުޅުންތެރިން އިންޓަރނޭޝަނަލް މެޗުތަކަށް އާ ނުވާނެކަމަށާއި، ކުޅުންތެރިން ޖެހިލުން ވާވަރު މިހާރު ވަރަށް ބޮޑުތަން ކުޑަވާނެކަންވެސް ނިޒާމް ފާހަގަކުރިއެވެ.

 މިދިޔަ ތިން އަހަރުވެސް ފުރަތަމަ ޑިވިޝަންގައި ޓީސީއަށް އިރުޝާދުދިން ކޯޗު ބުނީ ޕްލިމިނަރީ ބުރުން ކުރި ހޯދުން ވަރަށް މުހިންމުކަމަށާއި، ދެ މެޗު ލިބޭއިރު، އަވޭ މެޗުން ތިން ޕޮއިންޓް ލިބިއްޖެނަމަ ޓީސީއަށް ފުރުސަތު ބޮޑުވާނެކަމަށެވެ.

" ދެ މެޗު މިލިބެނީ ކުޅެން. އަވޭ މެޗު ވަރަށް މުހިންމު. އަވޭ މެޗަށްވެސް ނިކުންނާނީ ސީދާ ތިން ޕޮއިންޓަށް. އެންމެ މުހިންމުކަމަކީ އަވޭ މެޗުން ބަލިނުވެ ނިންމާލުން. އަވޭ މެޗުގައި ބަލިނުވެއްޖެނަމަ، ހޯމް މެޗުގައި އެޓްވާންޑޭޖް ނެގޭނެކަމަށް މިބަލަނީ. ނަމަވެސް ފަރިތަކުރުންތަކުގައި އެބަހުރި އުނދަގޫތަކެއް. ރާއްޖޭގެ ސީޒަން ފެށިފައި ނުވާތީ، ރަހުމަތްތެރިކަމުގެ މެޗެއްވެސް ކުޅެލަން ނުލިބޭ. ނަމަވެސް މިލިބުނު ދުވަސްތަކަށް ބަލާ ވަރަށް ރަނގަޅަށް ތައްޔާރުވާނަން."

އޭއެފްސީކަޕުގެ ޕްރިލިމިނަރީ ބުރުގައި ޓީސީގެ ފުރަތަމަ ލެގު ކުޅޭނީ ޖެނުއަރީ 23 ވަނަ ދުވަހު ބަނގްލަދޭޝްގައެވެ. ދެ ވަނަ ލެގު މާލޭގައި ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ޕްރިމިލިނަރީ ބުރުން ޓީސީއަށް ކުރި ލިބިއްޖެނަމަ ޕްލޭއޮފުން ފުރުސަތު ލިބޭނެއެވެ. ޕްލޭއޮފްގައި ޓީސީ ވާދަކުރަން ޖެހޭނީ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އާއި ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑް ކުޅެ ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ. ޕްލޭއޮފްގެ ލެގުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 13 އަދި ފެބްރުއަރީ 20 ވަނަ ދުވަހުއެވެ.