ޚަބަރު

އިމްޕޯޓް ސަބްސްޓިޓިއުޓް މަޝްރޫއިން 440 ޓަނުގެ ތަކެތި އުފެއްދޭނެ


ސަރުކާރުން ފަށާފައިވާ އިމްޕޯޓް ސަބްސްޓިޓިއުޓް މަޝްރޫޢުގެ ދަށުން، ދަނޑުތައް ޤާއިމުވުން އަހަރަކު ގާތްގަޑަކަށް 440 ޓަނުގެ ތަރުކާރީއާއި، މޭވާ އުފެއްދޭނެކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. އިމްޕޯޓް ސަބްސްޓިޓިއުޓް ޕްރޮގްރާމަކީ ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ " ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުން" މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ދަނޑުވެރިކަމުން އުފައްދާތަކެތި ގިނަ އަދަދަކަށް ރާއްޖެއަށް އިމްޕޯރޓް ކުރެއެވެ. މީގެ ތެރެއިން ބައެއް ބާވަތްތަކަކީ ރާއްޖޭގެ މާހައުލުގައި ފަސޭހައިން ހެއްދޭ އަދި މިހާރުވެސް ގިނައަދަދަކަށް ހައްދަމުންގެންދާ ތަކެއްޗެވެ. ރާއްޖޭގައި ހައްދާ ކަރާ، ފަޅޯ، ފަތްކެޔޮ، ބަރަބޯ، ފަދަ ތަރުކާރީ އާއި މޭވާގެ ބާވަތްތަކަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެއްޗަށްވުރެ ފެންވަރު ރަނގަޅު އަދި ރަހަމީރު ބާވަތްތަކެވެ. އަދި ރާއްޖޭގައި މިފަދަ ތަކެތި ހެއްދުމުގެ މާހައުލެއް ޤާއިމް ކުރެވިއްޖެނަމަ ރާއްޖޭގެ ދަނޑުވެރިކަން ފުޅާވެ އެމަސައްކަތުން ދަނޑުވެރިންނަށް ލިބޭ ފައިދާ އިތުރުވެ އުފެއްދުންތެރިކަން އިތުރުކުރެވޭނެއެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި 5 ބާވަތް ރާއްޖެ އެތެރެ ކުރުމަށް 86 މިލިއަންވުރެ ގިނަ ރުފިޔާ 2016 ވަނަ އަހަރު ހަރަދުކޮށްފައިވެއެވެ. ދަނޑުވެރިކަމުގެ އުފެއްދުން އިތުރުކޮށް އިމްޕޯޓް މަދުކުރުމަށް ކަނޑައެޅިފައިވާ ބާވަތްތަކަކީ ފަޅޯ، ކަރާ، ބަރަބޯ، ކިއުކަމްބަރ އަދި ފަތްކެޔޮގެ ބާވަތްތަކެވެ. ރާއްޖެއަށް ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓްކުރާ މިންވަރަށް ބަލާއިރު، މި 5 ބާވަތް ހެއްދުމަށް  37.0 ހެކްޓަރުގެ ބިން ބޭނުންކޮށްގެން، ރާއްޖެއަށް މި ބާވަތްތައް އިމްޕޯޓްކުރާ މިންވަރު %25 އަށް ދަށްކުރެވޭނެކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ. އިމްޕޯޓް ސަބްސްޓިޓިއުޓް މަޝްރޫޢުގެ ދަށުން، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ފަށާފައިވަނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ލ. ގަން އެގްރިކަލްޗަރ ސެންޓަރުގައެވެ.

ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެގްރިކަލްޗަރ މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ، މި ޕްރޮގްރާމަކީ ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ " ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުން" މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތްތާގައި ދަނޑުވެރިން ތަމްރީނުކޮށް، ދަނޑުވެރިންނަށް މި ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަމާޒަކީ މި އަހަރުގެ ތެރޭގައި މި ފަސް ބާވަތުން ރާއްޖެއަށް އިމްޕޯޓްކުރާ ފަންސަވީސް އިންސައްތަ ބާޒާރަށް ނެރުންކަމަށެވެ. 

"މިތާ މިހުރީ ކޮމާޝިއަލް ސައިޒްގެ ދަނޑުތަކެއް އަޅައިގެން އަޅުގަނޑުމެން އޭގެއިން ހިސާބުތައް ބަލަހައްޓައިގެން، އަޅުގަނޑުމެން މި ބުނަނީ މިވަރުގެ ކްރޮޕަކުން ކިހާވަރެއް ލިބޭނޭ. އެހެންވިއްޔާ ނަފާ މިވެނިވަރަކަށް ލިބޭނޭ މި ބުނަނީ. އެހެންވީމާ އަޅުގަނޑުމެން މިހާރުގެ ހިސާބުތަކުން ދައްކާއިރު ތަނަށް ކުރާ ހަރަދު ކަނޑާފަ ދެ ގުނަ ފައިދާ ލިބޭ މަސައްކަތެއްކަން ޔަގީންވޭ. އެހެންވީމަ އެކަންކަން ޑިމޮންސްޓްރޭޓް ކުރެވޭނީ ކޮމާޝަލް ލެވެލްގައި އެކަންކޮށްގެން. އެހެންވެ މިސަރަހައްދުގެ " ކުރުހިންނަ" އިގައި ބޭނުން އަޅުގަނޑުމެން މި ކުރަނީ އެގޮތުން ކޮމާޝިއަލް ލެވެލްގައި މިކަންކޮށް ދައްކާ އަދި އެދުވަސް ވަރެއްގައި މީހުން ގެނެސްގެން ބައިތިއްބައިގެން އެބޭފުޅުންނަށް އެ ކިޔާދީ ދައްކާދީ ހުރިހާ ކަމެއް ކުރުމަށްޓަކައި. " މިނިސްޓަރ ޝާއިނީ ވިދާޅުވިއެވެ.

ލ. ގަން އެގްރިކަލްޗަރ ސެންޓަރުގެ 16.96 ހެކްޓަރުގެ ތެރެއިން އިމްޕޯޓް ސަބްސްޓިޓިއުޓް މަޝްރޫޢުއަށް 5.85 ހެކްޓަރުގެ ބިން ވަނީ ހާއްސަ ކުރެވިފައެވެ. އަދި ދަނޑުތައް ޤާއިމުވުން އަހަރަކު ގާތްގަޑަކަށް މި 5 ބާވަތުން 440 ޓަނުގެ ތަރުކާރީއާއި، މޭވާ އުފެއްދޭނެކަމަށް މިނިސްޓްރީން ލަފާކުރެއެވެ. ލ. ގަން އެގްރިކަލްޗަރ ސެންޓަރުގެ އުފެއްދުމުން ބަރަބޯ، ދޮންކެޔޮ، ކަރާ އަދި ކިއުކަންބާއިން ދެ އިންސައްތަ އާއި އަށް އިންސައްތައާއިި ދެމެދު ރާއްޖެއަށޤް އިމްޕޯޓް ކުރާމިންވަރު ދަށްކުރެވޭނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ފަޅޮލުގެ އަށްޑިހައަށް އިންސައްތަ މަދުކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.