ޚަބަރު

85 ފޫޓްގެ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި


މާލެއިން ފުރައިގެން ގދ.އަތޮޅަށް ދަތުރުކުރި "ހިބަރު" ދޯނި ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑިއެފުން ބުނީ މި ދޯނި އަރާފައިވަނީ ތ.ކަޅު ފަހަލަފުށި ކިޔާ ފަޅުރަށެއްގެ އިރުމަތީ ފަރަށްކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ، އެހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 3:08 ހާއިރު ކަމަށެވެ. ފަރަށް އެރި ދޯނީގައި ވާ ޖަހައި، ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މި ހާދިސާގައި ފަރަށް އެރި "ހިބަރު" ދޯންޏަކީ 85 ފޫޓުގެ މުދާ އުފުލާ ދޯންޏެކެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި 9 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 5 ބިދޭސީންނެވެ. އަދި މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.