ޚަބަރު

ޖަޕާންގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި


ޖަޕާންގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު ޢާޞިމްއެވެ. 

ޖަޕާންގެ ފޮރިން މިނިސްޓަރގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންޢަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖަޕާންގެ ފޮރިން މިނިސްޓަރ ރާއްޖެވަޑައިގަތީ ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ޚާރިޖީ ގުޅުމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބާއާއި ގުޅިގެންނެވެ. ދެޤައުމުގެ ދެމެދު ބާއްވާ ރަސްމީ ވާހަކަތައް މިއަދު ހެނދުނު ދިހައެއް ޖަހާއިރު ފޮރިން މިނިސްޓްރީގައި އޮންނާނެއެވެ. ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1967ވަނަ އަހަރުއެވެ. ޖަޕާނަކީ ރާއްޖެއަށް އެކިދާއިރާތަކުން އެހީ ދެމުން އަންނަ ޤައުމެކެވެ. ޖަޕާންގެ ފޮރިން މިނިސްޓަރގެ ދަތުރުފުޅު ނިންމާލުމަށްފަހު މިރޭ ފުރައިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.