ޚަބަރު

"އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއިން ކާމިޔާބުކުރާނެ"


އަންނަ ޖޫން މަހު އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު ރާއްޖެއިން ކާމިޔާބު ކުރާނެކަމަށް ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާޞިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ޚާރިޖިއްޔާއަށް 85 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޙަފްލާގަ ވާހަކަ ފުޅުދައްކަވަމުންނެވެ.

މި ހަފްލާގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވަނީ ޚާރިޖިއްޔާގެ މައިގަނޑު އަސާސްތައް ކަމުގައިވާ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ދެމެހެއްޓުމާއި ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ޚާރިޖީ ދާއިރާއިން ވޭތުވެދިޔަ ތަނުގައި ކޮށްފައިވާ މުހިއްމު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާ ލައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގައި ދިވެހި ޚާރިޖިއްޔާއިން އަދާކޮށްފައިވާ މުހިއްމު ދައުރު މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ކުރިއަށްއޮތް ތާނގައި ޚާރިޖިއްޔާ އިތުރަށް ވަރުގަދަކޮށް، މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޚާރިޖީ ދާއިރާއިން މުވައްޒަފުން ތަމްރީނުކޮށް ބިނާ ކުރުމަށް އިތުރު މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޚާރިޖިއްޔާގައި މަސައްކަތް ކުރައްވާ ފަރާތްތަކަކީ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށްޓަކާ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. މި ޙަފްލާގަ ޚާރިޖިއްޔާއަށް 32 އަހަރު ޚިދްމަތް ކޮށްދެއްވާފައިވާތީ ސެކްރެޓަރީ ބައިލެޓްރަލް އަޙްމަދު ޚަލީލަށް ވަނީ ޝަރަފްވެރި ކަމުގެ އެވޯޑު އަރުވާފައެވެ. އަދި ޚާރިޖިއްޔާއަށް 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދްމަތްކޮށްދެއްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި އެވޯޑުދީފައިވެއެވެ.

ދިވެހި ޚާރިޖިއްޔާ އުފެއްދެވީ 1932 ވަނަ އަހަރު ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނުއަސާސީއެއް އެކުލަވާލުމާ ގުޅިގެންނެވެ. ޚާރިޖިއްޔާގެ އަހަރީ ދުވަހަކީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހެވެ. 85 ވަނަ އަހަރީ ދުވަހާގުޅިގެން ޚާރޖިއްޔާގެ މުވައްޒަފުން ވަނީ ލޭހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ކުރިށް ގެންގޮސްފައެވެ.