ހަތަރު އަހަރު

ޗާއިނާގެ އެންމެ ބާރުގަދަ މަޤާމަށް ޝީ-ޖިންޕިން ވަޑައިގަތީ ކިހިނެތް


1953 ވަނަ އަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޝީ ޖިންޕިންއަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް ބޭފުޅެއްގެ ދަރިކަލެކެވެ. ޝީ ޖިންޕިންގެ ބައްޕާފުޅަކީ ޗައިނާގެ ކޮމިއުނިސްޓް ރެވެލިއުޝަންގައި، އެޤައުމުގެ ބާނީ މާއޯޑެޒޮންގްގެ ބައިވެރިއެކެވެ. 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ޤާއިމްކުރުމަށްފަހު، ޗައިނާއަށް ގެނައި އިންޤިލާބީ ބަދަލުތަކުގައި ޝީ ޖިންޕިންގެ ބައްޕާފުޅު އިސްކޮށް ހަރަކާތްތެރިވިއެވެ.

img:http://s3.psmnews.mv/images/660x400/15151638816443.jpg|1958 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއްގައި ޝީ-ޖިންޕިން(ވ) އަދިި އޭނާގެ ބައްޕާ އަދި ހަގު ކޮއްކޮއާއެކު / ޝީ ޖިންޕިންގެ ބައްޕާފުޅަކީ ކޮމިއުނިސްޓް ޕާޓީގެ އިސް މަޤާމުތަކެއް އަދާކުރެއްވި ބޭފުޅެއް

ނަމަވެސް 1962 ވަނަ އަހަރު ޝީ ޖިންޕިންގެ ބައްޕާފުޅާއި ސަރުކާރާއި ދެމެދު ޖެހުނު މައްސަލައެއްގައި ޝީގެ ބައްޕާފުޅު ޖަލަށް ލިއެވެ. އަދި 15 އަހަރުގެ ޝީ ޖިންޕިން ޗައިނާގެ ފަގީރު އަވަށްގަނޑަކަށް ދަނޑުވެރިކަންކުރުމަށް ސަރުކާރުން ފޮނުވާލިއެވެ. އެމަސައްކަތުގައި ޝީ ޖިންޕިން ހައެއްކަ އަހަރު ހޭދަކުރިއެވެ.

ބައްޕާފުޅު ޖަލަށްލާ، އޭނާ ބުރަ މަސައްކަތަށް ފޮނުވާލިޔަސް ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއާ މެދު ނަފްރަތުކަމެއް އޭނާ ނުބާއްވައެވެ. ނަމަވެސް ޝީ ޖިންޕިންގެ ބައްޕާފުޅަކީ ކާކުކަން އެނގޭތީ، ކޮމިއުނިސްޓް ޕާޓީއަށް ވަނުމަށް އޭނާ ކުރި މަސައްކަތް ކާމިޔާބުވާން ދުވަސްތަކެއް ނެގިއެވެ.

img:http://s2.psmnews.mv/images/660x400/15151640579346.jpg|1969 އިން 1975 އަށް ޝީ ޖިންޕިން އުޅުއްވީ ދަނޑުވެރިކަންކުރުމަށް ފަގީރު އަވަށްގަނޑެއްގައި

ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މެމްބަރަކަށްވުމަށް ޝީ ޖިންޕިން ކުރި މަސައްކަތް ކާމިޔާބުވީ އޭނާގެ އުމުރުން 21 އަހަރުގައި 1974 ވަނަ އަހަރުއެވެ. ކޮމިއުނިސްޓް ޕާޓީއާ ގުޅުމަށްފަހު، އޭނާ ޗައިނާގެ ބެއިޖިންގެ ޔުނިވަރސިޓީއަކުން ކެމިކަލް އިންޖީނިއަރިންގ އިން މަތީ ތަޢުލީމް ހާޞިލުކުރެއްވިއެވެ. އެއަށްފަހު ފުރަތަމަ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ޗައިނާގެ ކުރީގެ ޑިފެންސް މިނިސްޓަރ ޖެންގ ބިއާއޯގެ ޕާސަނަލް ސެކްރެޓަރީކަމުގެ މަޤާމު ހިމެނެއެވެ.

img:http://s4.psmnews.mv/images/660x400/15151641494313.jpg|1979 ގައި ނަގާފައިވާ މި ފޮޓޯއަކީ، ޗައިނާގެ ޑިފެންސް މިނިސްޓަރުގެ ސެކްރެޓަރީއަކަށް ޝީ އުޅުއްވިއިރު ނަގާފައިވާ ފޮޓޯއެއް

ޑިފެންސް މިނިސްޓަރގެ ސެކްރެޓަރީކަމުގެ މަޤާމުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު، 1982 ވަނަ އަހަރު، ބެއިޖިންގ ދޫކޮށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ހަބޭ ޕްރޮވިންސްގެ ޑެޕިއުޓީ ސެކްރެޓަރީގެ މަޤާމަށް ޝީ ވަޑައިގަތެވެ. 1985 ވަނަ އަހަރު ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޒިއާމެން ސިޓީގެ މޭޔަރުގެ ނާއިބުގެ މަޤާމަށް ޝީ އައްޔަނުކުރެވުނެވެ.

ޝީ-ޖިންޕިން ކައިވެނިކުރެއްވީ ޒިއާމެންގައި މަސައްކަތްކުރެއްވި ދުވަސްވަރުއެވެ. ޗައިނާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕެންގ ލިޔުއާންއާ ޝީޖިންޕިން ކައިވެނި ބައްލަވައިގަތީ 1987 ވަނަ އަހަރުއެވެ. ކައިވެންޏަށް ދަރިކަނބަލެއް ލިބިވަޑައިގަތީ 1992 ވަނަ އަހަރުއެވެ.

img:http://s2.psmnews.mv/images/660x400/15151642330510.jpg|ޝީ ޖިންޕިންއާ އޭނާގެ އަނބިކަނބަލުން ލިޔުއާން ކައިވެނި ބައްލަވައިގަތީ 1987 ވަނަ އަހަރު

1995 ވަނަ އަހަރު ޝީ ޖިންޕިން މަސައްކަތްކުރައްވަމުންދިޔަ ހަބޭ ޕްރޮވިންސްގެ، ޑެޕިއުޓީ ޕްރޮވިންޝަލް ޕާޓީ ސެކްރެޓަރީގެ މަޤާމު އޭނާއަށް ލިބިވަޑައިގަތެވެ. 1999 ވަނަ އަހަރު ފުޖިއާން ޕްރޮވިންސްގެ ވަގުތީ ގަވަރުނަރުގެ މަޤާމަށް ޝީ ޖިންޕިން އައްޔަނުކުރެވުނެވެ. އަދި ޖެހިގެން އައި އަހަރު ގަވަރުނަރުގެ މަޤާމަށް އައްޔަނުކުރެވުނެވެ. 2002 ވަނަ އަހަރު ޝީ ޖިންޕިން ޗައިނާގެ ޒެޖިއާންގ ޕްރޮވިންސްގެ ގަވަރުނަރުގެ މަޤާމަށް އައްޔަނުކުރެވެނެވެ. އަދި ޖެހިގެން އައި އަހަރު އެޕްރޮވިންސްގައި ހުންނަ ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސް ބޭފުޅާގެ މަޤާމަށް އޭނާ އައްޔަނުކުރެވުނެވެ.

img:http://s3.psmnews.mv/images/660x400/15151643109117.jpg|1988 ވަނަ އަހަރު ޗައިނާގެ ޕްރޮވިންސެއްގެ މީހުންނާއެކު ޝީ ޖިންޕިން މަސައްކަތުގައި ހަރަކާތްތެރިވަނީ

2007 ވަނަ އަހަރު ޗައިނާގެ ވިޔަފާރީގެ މައި މަރުކަޒު ޝަންގހާއީގެ އިސްބޭފުޅުންގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވުމާއެކު، އެބޭފުޅުން މަޤާމުތަކުން ދުރުކޮށް، ޝަންގހާއީ ސިޓީގައި ހުންނަ ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސްބޭފުޅާގެ މަޤާމަށް ޝީ ޖިންޕިން އައްޔަނުކުރެވުނެވެ. ނަމަވެސް އެމަޤާމުގައި މާގިނަ ދުވަހު ހުންނެވޭ ގޮތެއް ނުވިއެވެ.

img:http://s1.psmnews.mv/images/660x400/15151643893800.jpg|2007 ވަނަ އަހަރު ޝަންގހާއީގެ ސްކޫލެއްގެ ދަރިވަރުންތަކަކާ ޝީ ބައްދަލުކުރައްވަނީ

ދެން ފެނިގެންދިޔައީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އެންމެ ބާރުގަދަ ކޮމިޓީއަށް ޝީ ޖިންޕިން އައްޔަނުކުރެވިގެންދިޔަ މަންޒަރެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިންގ ކޮމިޓީގެ މެމްބަރަކަށް ޝީ ޖިންޕިން އައްޔަނުކުރެވިގެން ދިޔައީ 2007 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. މިއީ ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އެންމެ މުހިއްމު ނިންމުންތައް ނިންމާ ކޮމިޓީއެވެ.

ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯއަށް ޝީ ޖިންޕިން އައްޔަނުކުރެވުނު ހިސާބުން، އޭނާއަކީ އޭރު ވެރިކަމުގައި ހުންނެވި ހޫޖިން ޓާއޯއަށްފަހު ޗައިނާގެ ވެރިކަމަށް ވަޑައިގަންނަވާނޭ ބޭފުޅެއްގެ ގޮތުގައި ބެލެވުނެވެ. އެކަން ޔަޤީންވެގެން ދިޔައީ 2008 ވަނަ އަހަރުގެ މާޗުމަހު، ޗައިނާގެ ނާއިބު ރައީސްކަމުގެ މަޤާމަށް ޝީ ޖިންޕިން އައްޔަނުކުރެވުނު ހިސާބުންނެވެ. އަދި 2010 ވަނަ އަހަރު ޗައިނާގެ ބާރުގަދަ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ވައިސް ޗެއަރމަންގެ މަޤާމަށް ޝީ ޖިންޕިން އައްޔަނުކުރެވުނެވެ. މިއީ އޭނާ ވެރިކަމަށް ގެންނަން ކޮމިއުނިސްޓް ޕާޓީން ތައްޔާރުވަމުންދިޔަކަމުގެ ނިޝާނެއްކަމަށް އޭރު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދިޔައެވެ.

img:http://s2.psmnews.mv/images/660x400/15151644601258.jpg|ޗައިނާގެ އެންމެ ބާރުގަދަ އެއް ގުނަވަނުގެ މެމްބަރުކަން ޝީއަށް ލިބިގެންދިޔައީ 2007 ވަނަ އަހަރު

2012 ވަނަ އަހަރުގެ ނޮވެމްބަރުމަހު ބޭއްވި ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި، ޕާޓީގެ އެންމެ އިސް މަޤާމުކަމަށްވާ ޖެނަރަލް ސެކްރެޓަރީގެ މަޤާމަށް ޝީ ޖިންޕިން އައްޔަނުކުރެވުނެވެ. އަދި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ވައިސް ޗެއަރމަންގެ މަޤާމުން، ޗެއަރމަންގެ މަޤާމަށް ވަޑައިގަތެވެ. ދެހާހަށްވުރެ ގިނަ މެމްބަރުން ތިބޭ ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުން، ޗައިނާގެ ރައީސްކަމުގެ މަޤާމަށް ޝީ ޖިންޕިން އައްޔަންކުރީ 2013 ވަނަ އަހަރުގެ މާޗުމަހުގެ 14 ވަނަ ދުވަހުއެވެ.

img:http://s3.psmnews.mv/images/660x400/15151644913544.jpg|ޝީ ޖިންޕިން، އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއެކު

ޗައިނާގެ ރައީސްކަމުގެ މަޤާމަށް ޝީ ޖިންޕިން ވަޑައިގަތުމަށްފަހު އޭނާ ފެށްޓެވި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަނާއި ދެކޮޅަށް ފެށްޓެވި ކެމްޕެއިން ހިމެނެއެވެ. މިމަސައްކަތުގެ ދަށުން އެތައް ހާސް ސަރުކާރު އޮފިޝަލުންނެއް ވަނީ މަޤާމުތަކުން ދުރުކޮށް، އަދަބު ދީފައެވެ. މީގެ އިތުރުން ޗައިނާގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރި މަސައްކަތުންވެސް ކާމިޔާބީތަކެއް ވަނީ ހާޞިލުކޮށްފައެވެ.

ހުޅަނގުގެ ބައެއް ފަރާތްތަކުން ޝީ ޖިންޕިންގެ މަސައްކަތްތަކަށް ފާޑު ކިޔަމުންދިޔަނަމަވެސް، ޗައިނާގައި ޝީ ޖިންޕިންއަށް ބޮޑު ތާޢީދެއް އޮވެއެވެ. ޚާއްސަ ގޮތެއްގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވާ މަސައްކަތް އެޤައުމުގެ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަނެއެވެ.

img:http://s4.psmnews.mv/images/660x400/15151645323253.jpg|ޝީ ޖިންޕިން، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި

ޗައިނާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރަމުންދަނީ ޝީ ޖިންޕިންއަށްފަހު ޗައިނާގެ ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކަށެވެ. ޢާއްމު ގޮތެއްގައި ޗައިނާގެ ވެރިން، އެމީހުންގެ ފުރަތަމަ ދައުރު ނިމި، ދެވަނަ ދައުރު ފެށުމުގެކުރިން، ދެން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ދައްކަވައެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި މިފަދަ އެއްވެސް ކަމެއް ނުފެނުމުން، ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރަނީ ޝީ ޖިންޕިން ދެ ދައުރަށްވުރެ ގިނަ ދައުރު ވެރިކަމުގައި ހުންނެވުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށެވެ.