ޚަބަރު

ފުނަދޫ އެއާރޕޯޓަށް ބޭނުންވާ ބިން ހިއްކަން ތައްޔާރުވެއްޖެ


ށ. ފުނަދޫ އެއަރޕޯޓް އެޅުމަށް، ބިން ހިއްކުމަށް ބޭނުންވާ ބަންޑް ވޯލްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ. ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެއާޕޯރޓް އެޅުމަށް އެރަށު އުތުރު ފަރާތު ފަޅުތެރެއިން 21 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށް ފުނަދޫ ކައުންސިލުން ބުނެއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙުމަދު އިބްރާހިމް ވިދާޅުވީ، އެއާޕޯރޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ކުރިން، ބިން ހިއްކާ ސަރަހައްދު ވަށައިން ޖަހާ ބަންޑް ވޯލްގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު އެރަށަށް ގެނެސްފައިވާކަމަށް އަޙުމަދު އިބްރާހިމް ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/15153117988702.jpg|ފުނަދޫ އެއަރޕޯޓް ސަރަހައްދު ހިއްކުމަށް ބޭނުންވާ ސާމާނު އެރަށް ބާލަނީ

"އެއާޕޯރޓްގެ އުންމީދަކީ އަޅުގަނޑުމެންގެ ކާބައިންގެ ޒަމާނުން ފެށިގެން ކުރަމުން އައި އުންމީދެއް. އަޅުގަނޑަކީ ވެސް ފިރުނބައިދޫން މިރަށަށް ހިޖުރަކުރި މީހެއް. އަޅުގަނޑުމެންގެ މައިންބަފައިންވެސް މިރަށަށް ހިޖުރަކުރީ މިފަދަ އުންމީދެއްގައި. އެއީ ތަރައްޤީއޮތް ތަނަކަށް އައުމުގެ އުންމީދުގައި އަޅުގަނޑުމެން އައީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއާޕޯޓެއް އައުމަކީ އެރަށެއް ތަރައްޤީވެ ކުރިއަރައިގެންދާނެ އެންމެ މުހިންމު ވަސީލަތް. އިރާދަކުރެއްވިއްޔާ ފުނަފޫ އެއާޕޯރޓްގެ މަސައްކަތް މިހާރު މިވަނީ ފެށިފަ. ބަންޑް ވޯލްގެ މަސައްކަތް މިހާރު ކުރިއަށް އެދަނީ". ފުނަދޫ ކައުންސިލްގެ ރައީސް އަޙުމަދު އިބްރާހިމް ވިދާޅުވިއެވެ.

ފުނަދޫ ރައްޔިތުން ބުނީ އެއަރޕޯޓުގެ ހުވަފެނަކީ ވަރަށް ކުރިންސުރެ ދެކެމުންއައި ހުވަފެނެއްކަމަށާއި، މި ހުވަފެން ހަޤީޤަތަކަށްވާތީ އުފާވާކަމަށެވެ. އަދި އެއަރޕޯޓްގެ ސަބަނުން ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްޤީ އެމީހުން ފާހަގަކުރިއެވެ

ފުނަދޫ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީގެ ކޮންނަ ބޯޓް "މަހާ ޖައްރާފު" ބޭނުންކޮށްގެނެވެ. މިއެއަރޕޯޓްގެ ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ. ދައުލަތުން މިއަހަރަށް ލަފާކުރި ބަޖެޓްގައި 4 އެެއަރޕޯޓެއް ހެދުމަށް 336 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން ށ ފުނަދޫގައި އެއަރޕޯޓް އެޅުމަށް 89 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. އަދި މި ހަތަރު އެއަރޕޯޓްގެ މަސައްކަތް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފައެވެ.